ރައްޔިތުންނާއެކު ރައީސް ބާއްވަވާ ބައްދަލުވުންތައް ޖޫން މަހު އަލުން ފަށަނީ
11 މޭ 2026 - 06:07

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުވުންތައް އަންނަ ޖޫން މަހު އަލުން ފެށުމަށް ނިންމައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ މެއި 11 ވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation
އެމަނިކުފާނުގެ މި ބައްދަލުވުންތަކަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ސިލްސިލާގޮތެއްގައި ބާއްވަވާ ބައްދަލުކުރެއްވުންތަކެކެވެ. އެގޮތުން މާލޭގެ ވަކިވަކި އަވަށްތަކުގެ ރައްޔިތުންނާއި، ވަކިވަކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އަތޮޅުތަކުގެ ރަށްތަކަށް ވަޑައިގެން ބައްދަލުވުންތައް ބާއްވަވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ވަގުތު އޮތް މިންވަރަކުން އިރާދަކުރެއްވިއްޔާ މި ބައްދަލުކުރެއްވުންތައް ބޭއްވޭތޯ ބައްލަވާނެ ކަމަށާއި އެއްވެސް ކަހަލަ ދަތުރެއް ނުވަތަ ވަގުތު ނޯންނަކަހަލަ ކަމެއް ދިމާނުވާހާ ހިނދެއްގައި ސިލްސިލާކޮށް ކުރިއަށްދާނެ ކަމަށެވެ. އަދި ހަފުތާއަކު އެއް ދުވަހު ނޫނިއްޔާ ވީހާވެސް އަވަސްކޮށް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވަވާނެ ކަަމަށް ވެސް ވިދާޅުވިއެވެ.
" ރައްޔިތުންގެ ތެރޭގައި ހިމެނޭ ސެކްޓޯރަލް ބައްދަލުވުންތައްވެސް މިސާލަކަށް ޓޫރިޒަމް އިންޑަސްޓްރީ ވަކިން، މަސްވެރިކަމުގެ ދާއިރާ ވަކިން، ދެން މިހެންގޮސް ޕްރޮފެޝަންތަކާ ވަކިވަކިން ބައްދަލުކުރަން ނިންމާފަައިވޭ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އެއްސެވުމަކީ އެމަނިކުފާނު އިސްކަންދެއްވާ ސިޔާސަތެއްކަމަށާއި މިގޮތަށް ރައްޔިތުންނާއެކު ބޭއްވޭ ބައްދަލުވުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ބޮޑު ބާރަކަށް ވެގެންދާކަމެއްކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ އަމާޒަކީ ސަރުކާރުގެ މަސައްކަތްތަކުގެ މަޢުލޫމާތު ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.


