ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މުސާރައަށް ދިމާވި މައްސަލަތައް ހައްލުކޮށްފި، ބަދަލު މި މަހު ފެންނާނެ: ރައީސް
11 މޭ 2026 - 09:30

ނެޝަނަލް ޕޭ ކޮމިޝަނުން ޕޭ ހާމަނައިޒް ކުރިއިރު، އެކި ސަބަބުތަކާ ހުރެ މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ސަރުކާރު މުވައްޒަފުންނަށް، މި މެއި މަހުން ފެށިގެން އެ ކުރިއެރުން ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވި ގޮތުގައި، ޕޭ ހާމަނައިޒޭޝަން ތަންފީޒު ކުރެވުނުއިރު، ހިއުމަން ރިސޯސަސް ދާއިރާ އާއި ލީގަލް ދާއިރާގެ ބައެއް މުވައްޒަފުންނާއި، ކައުންސިލްތަކުގެ ބައެއް މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ބޮޑުވުމުގެ ބަދަލުގައި، ހަމައެވަރެއްގައި ހިފެހެއްޓިފައި ހުރިކަން ފާހަގަކުރެވިފައިވެ އެވެ. އަދި ބައެއް ފަރާތްތަކަށް ކުރިއެރުން ލިބިފައިނުވާ ކަމަށް ވެސް ފާހަގަކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ޕޭ ކޮމިޝަނުން ވަނީ، ދިމާވި މި މައްސަލަތައް ހައްލުކޮށް، މި މެއި މަހުން ފެށިގެން ލިބޭ މުސާރަ ބޮޑުވާނެ ކަމުގެ ޔަޤީންކަން ދެއްވާފައި ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މީގެ ފަހުންވެސް ޕޭ ހާމަނައިޒޭޝަންގެ ތެރެއިން އެއްވެސް މުވައްޒަފެއްގެ މުސާރައަށް ހެޔޮ ބަދަލެއް ނާންނަ ނަމަ، ވަކިވަކިން ނަމަވެސް ކޮމިޝަނުން އެ ކަން ބައްލަވައި، ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. ސަރުކާރު މުވައްޒަފުންގެ ހައްޤުތައް ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ދެމިތިއްބަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ޕޭ ހާމަނައިޒޭޝަނަކީ، ސަރުކާރު މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އެއްހަމަ ކުރުމަށް ޓަކައި ސަރުކާރުން ކުރިއަށް ގެންދާ މުހިންމު އިސްލާހީ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން، ސަރުކާރުގެ އެކި ދާއިރާތަކުގައި ތަފާތު ގޮތްގޮތަށް ހަމަޖެހިފައި ހުރި މުސާރައިގެ ނިޒާމު އެއްގޮތް ކޮށް، ހަމަހަމަ ކަމާ އެކު ހިދުމަތްތެރިންނަށް ހައްޤު މުސާރަ ލިބޭނެ ގޮތް ހަމަޖެއްސުން ހިމެނެ އެވެ.


