އެކި ސަބަބުތަކާހުރެ މުސާރައިގެ ކުރިއެރުން ނުލިބި ސަރުކާރުގެ މުވައްޒަފުންނަށް އުފާވެރި ޚަބަރެއް
11 މޭ 2026 - 09:47

ނެޝަނަލް ޕޭ ކޮމިޝަނުން ޕޭ ހަރމަނައިޒް ކުރިއިރު، އެކި ސަބަބުތަކާހުރެ މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ސަރުކާރުގެ މުވައްޒަފުންނަށް މި މޭ މަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ، ޕޭ ހަރމަނައިޒް ކުރެވުނުއިރު ހިއުމަން ރިސޯސަސް ދާއިރާއާއި ލީގަލް ދާއިރާގެ ބައެއް މުވައްޒަފުންނާއި، ކައުންސިލްތަކުގެ ބައެއް މަޤާމްތަކުގެ މުވައްޒަފުންނަށް މުސާރަ ބޮޑުވުމުގެ ބަދަލުގައި، ބައެއް ފަރާތްތަކުގެ މުސާރަ އެއްވަރެއްގައި ހިފެހެއްޓިފައި ހުރިކަމާއި، އަދި ބައެއް ފަރާތްތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަމަވެސް، ލިބިފައިވާ ޔަޤީންކަމަކީ، ޕޭ ކޮމިޝަނުން މި މޭ މަހުން ފެށިގެން ދިމާވެފައިވާ ގޯސްތައް ހައްލުކޮށް، ކަނޑައެޅިފައިވާ ގޮތަށް ލިބެންޖެހޭ ކުރިއެރުންތައް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މީގެ ފަހުންވެސް ޕޭ ހަރމަނައިޒްކުރުމުގެ ތެރެއިން އެއްވެސް މުވައްޒަފެއްގެ މުސާރައަށް ހެޔޮ ބަދަލެއް ނައިސްފިނަމަ، ވަކިވަކިން ނަމަވެސް ކޮމިޝަނުން އެ ކަމެއް ބައްލަވައި، ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.
ރައީސްގެ މި ވާހަކަފުޅަކީ، ދިގު މުއްދަތެއް ވަންދެން ޙައްޤު ކުރިއެރުން ނުލިބި ތިބި ސަރުކާރު މުވައްޒަފުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި ޚަބަރެކެވެ.
ޕޭ ފްރޭމްވަރކަށް ހިޖުރަކުރި މުއައްސަސާތަކަށް ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ނެޝަނަލް ޕޭ ކަމިޝަނުން ވެސް ވަނީ މިދިޔަ އޭޕްރީލް މަހު ބުނެފައެވެ.
ދައުލަތުގެ އެކި މުވައްސަސާތަކުގެ މުސާރައަށް ހެޔޮބަދަލެއް ގެންނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެކެވެ. 1 ނޮވެމްބަރު 2025 އިން ފެށިގެން ބައެއް މުވައްސަސާތަކުންވަނީ އައު ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ފަށާފައެވެ. އޭގެތެރޭގައި ސިވިލް ސަރވިސްއާއި ޝަރުޢީ ދާއިރާގެ އިތުރުން ދައުލަތުގެ އިތުރު 6 މުވައްސަސާއަކާއެކު ޖުމްލަ 93 އިންސައްތަ މުވައްސަސާ އައު ޕޭ ފްރޭމްވަރކަށް ޢަމަލުކުރަން ފަށާފައެވެ.
ދައުލަތުގެ އެކި ދާއިރާތަކުގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކޮށްފައިވާއިރު މިދިޔަ އަހަރު ވަނީ ސިވިލް ސަރވިސް މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކޮށްފައެވެ. މިއަހަރުގެ މިހާތަނަށް އިތުރު 6 މުވައްސަސާއެއް މުސާރައިގެ އައު އޮނިގަނޑަށް ބަދަލުކޮށްފައިވާއިރު، ދައުލަތުގެ 93 އިންސައްތަ މުވައްސަސާތައް މިހާރުވަނީ އައު އޮނގަނޑަށް ބަދަލުކޮށްފައެވެ. މުސާރައިގެ ކުރިއެރުމެއް ނުލިބި ތިބި ގިނަ މުވައްޒަފުން އެކި މުވައްސަސާތަކުގައި ތިބިއިރު، މިއީ އެފަދަ އެތައް މުވައްޒަފުންނެއްގެ ދުވަސްވީ ޝަކުވާއެކެވެ.


