އިޒުނައަކާ ނުލައި ފޮޓޯ ބޭނުންކުރި މައްސަލައިގައި ސެމްސަންގާ ދެކޮޅަށް ދުއާ ލިޕާ 15 މިލިއަން ޑޮލަރުގެ ދައުވާއެއް ކޮށްފި
12 މޭ 2026 - 02:40

މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ދުއާ ލިޕާގެ ހުއްދައަކާ ނުލައި، އޭނާގެ ފޮޓޯ ބޭނުންކޮށްގެން ޓީވީ އިޝްތިހާރު ކުރި ކަމަށް ބުނެ، ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ސެމްސަންގާ ދެކޮޅަށް 15 މިލިއަން ޑޮލަރުގެ ބޮޑު ދައުވާއެއް ކޮށްފިއެވެ.
އުމުރުން 30 އަހަރުގެ ޕޮޕް ތަރި ދުއާ ލިޕާ މިދިޔަ ހުކުރު ދުވަހު މި ދައުވާ ހުށަހެޅީ، އޭނާގެ މޫނު ފެންނަ ފޮޓޯއެއް ސެމްސަންގުން ވިއްކާ ޓީވީތަކުގެ މާކެޓިން ކެމްޕޭންތަކުގައާއި، ޓީވީ އަޅާފައި ހުންނަ ފޮށިތަކުގައި އޭނާގެ އެއްވެސް ހުއްދައެއް ނެތި ބޭނުންކޮށްފައިވާތީއެވެ.

Ad by Hajj Corporation
ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނެފައިވާ ގޮތުން، ދުއާ ލިޕާގެ ފޮޓޯ ބޭނުންކޮށްފައިވަނީ އޭނާއަށް އެއްވެސް މައުލޫމާތެއް ދިނުމަކާ ނުލައި އަދި އެއްވެސް އުޖޫރައެއް ދިނުމަކާ ނުލައެވެ. "މި ފޮޓޯ ބޭނުންކުރުމުގެ ހުއްދައެއް ދުއާ ލިޕާ ނުދެއެވެ. އަދި ދޭން ބޭނުންވެސް ނުވެއެވެ،" ދައުވާގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުން، ސެމްސަންގުން މި ފޮޓޯ ބޭނުންކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މިއީ 2024 ވަނަ އަހަރު ބޭއްވި 'އޮސްޓިން ސިޓީ ލިމިޓްސް ފެސްޓިވަލް' ގެ ބެކްސްޓޭޖުން ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯގެ ކޮޕީރައިޓް މިލްކުވެރިކަން އޮންނަނީ ދުއާ ލިޕާގެ އަތުގައެވެ.
ސެމްސަންގް އިން ހުއްދަ ނެތި ލުޕިއާގެ ފޮޓޯ ބޭނުންކޮށްފައި
ދުއާ ލިޕާގެ ފަރާތުން މިކަން ހުއްޓާލުމަށް އެދުމުން، ސެމްސަންގުން އެކަމަށް އިޖާބަދީފައި ނުވާ ކަމަށާއި، އެ ކުންފުނިން އަމަލުކޮށްފައިވަނީ ވަރަށް އިހުމާލުކޮށް ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބައެއް ފޭނުން ކޮށްފައިވާ ކޮމެންޓްތަކުން އެނގޭ ގޮތުގައި، ދުއާ ލިޕާ އެ އުފެއްދުން އިޝްތިހާރު ކުރާ ކަމަށް ހީކޮށް ގިނަ ބަޔަކު ވަނީ ސެމްސަންގް ޓީވީ ގަނެފައެވެ.
"މި ޓީވީ ގަންނާކަށް އަހަރެން ރާވާފައެއް ނެތް، އެކަމަކު ފޮށީގައި ދުއާ ލިޕާގެ ފޮޓޯ އިނުމުން ގަންނަން ނިންމީ،" އެކްސް (ކުރީގެ ޓްވިޓާ) ގައި މީހަކު ކޮށްފައިވާ ކޮމެންޓެއް ދައުވާގައި ހިމަނާފައިވެއެވެ.
ދުއާ ލިޕާ ސެމްސަންގްގެ މައްޗަށް ކުރަނީ ކޮޕީރައިޓް ގާނޫނާ ހިލާފުވުމާއި، މަޝްހޫރު މީހެއްގެ ނަން ނުވަތަ ސިފަ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ. އޭނާ އެދެނީ 15 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށާއި، އެ ފޮޓޯ ބޭނުންކޮށްގެން ސެމްސަންގަށް ލިބުނު ފައިދާގެ ބައެއް ހޯދުމަށެވެ.
މިއީ ދުއާ ލިޕާގެ އުފެއްދުންތަކާއި ސިފަ ރައްކާތެރިކުރުމަށް ކޯޓަށް ދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އޭނާގެ މަޝްހޫރު ލަވަ 'ލެވިޓޭޓިންގް' ގެ މިއުޒިކް ކޮޕީކުރި ކަމަށް ބުނެ ބަޔަކު ކުރި ދައުވާއަކުންވެސް އޭނާ ވަނީ ކާމިޔާބީ ހޯދާފައެވެ.


