ކުރިއަށް އޮތް 48 ގަޑިއިރު ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މެޓް
13 މޭ 2026 - 11:11

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ މިހަފުތާގެ ނިޔަލަށް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ލަފާކޮށްފިއެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މިދިޔަ ހުކުރު ދުވަހު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. މިމޫސުމީ ވިއްސާރާގައި ބުރާސްފަތި ދުވަހާ ހަމައަށްވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ހަފުތާ ބަންދުގައިވެސް ވިއްސާރަކުރާނެކަމަށް ބެލެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.

Ad by Hajj Corporation
އެ އިދާރާއިން ބުނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވައިޖެހޭނެކަމަށް ބެލެވެނީ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.
މީގެ އިތުރުން، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.
ދެކުނާއި މެދުރާއްޖޭގެ ކަނޑުތައް އަންމުގޮތެއްގައި ގަދަވާނެކަމަށާއި، އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓު އޮފީހުން ބުނެއެވެ. ދެކުނާއި މެދުރާއްޖޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 5 ފޫޓާއި 8 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ބެލެވޭއިރު އުތުރުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 3 ފޫޓާއި 5 ފޫޓާއި ދެމެދުގެ އުސްމިނުގައިކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ހުރިހާ ހިސާބަކަށްވެސް އެވްރެޖްކޮށް ވައިގަދަވާނެކަމަށް މެޓު އޮފީހުން ބުނެއެވެ.


