އެއްޖިންސުން ގުޅުންހިންގަން ހިތްވަރުދޭ ފޮތެއް ވިދާޅުވާން ނަޝީދު އިންނެވި ފޮޓޯ އަކަށް ސަމާލުކަން!
14 މޭ 2026 - 08:12

އެއްޖިންސުން ގުޅުންހިންގަން ހިތްވަރުދޭ ފޮތެއް ވިދާޅުވާން އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރަށްވާ އެޕާޓީގެ ފުރަތަމަ ވެރިކަމުގެ ރައީސް އަދި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންނަވާ ފޮޓޯއަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެ.
މި ފޮޓޯއަކީ ނަޝީދު ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ އެއް ސޯޝަލްމީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ކުރި އެކްސް ޕޯސްޓަކުން ފެނިފައިވާ ފޮޓޯއެކެވެ. ބެލެވޭގޮތުގައި އެ ފޮޓޯއަކީ ޗެއާޕާސަން ކެމްޕޭނަށް ނަޝީދު ލަންކާ އަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ފްލައިޓްގައި އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.

Ad by Hajj Corporation
އެކަން ދޭހަވަނީ ލޫކަސްގެ ފޮޓޯއާއި އެކު ކޮށްފައިވާ ޕޯސްޓުންނެވެ. އެ ޕޯސްޓްގައި ''މާލެ އަށް ދަތުރުފެށި'' ކަމަށް ބުނެފަވެއެވެ.
އެ ފޮޓޯގައި ފެންނަނީ ނަޝީދު ފޮތެއް ހިފަހައްޓައިގެން އެ ފޮތަށް ބައްލަވަން އިން މަންޒަރެވެ. އެ ފޮތަކީ ކޮންކަހަލަ ފޮތެއްކަން ދެނެގަނެ، އެއީ އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ފޮތެއްކަމަށް ބައެއް މީހުން ވަނީ މީސްމީޑިއާގައި ބުނެފައެވެ. އެއާއެކު ގިނަ ބަޔެއްގެ ނުރުހުން ވެސް ވަނީ އެކަމަށް އަމާޒުވެފައެވެ.
އެއްޖިންސުން ގުޅުން ހިންގުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީކުރައްވާފައިވާ، އިންސާނީ ފިޠުރަތާ ޚިލާފު ބޮޑު ފާފައެކެވެ. ދީނީ ގޮތުން ބަލާއިރު މިއީ މާތްﷲގެ ކޯފާއާއި ލައުނަތް ހައްގުވާ ފާހިޝް އަމަލެކެވެ. ލޫޠުގެފާނުގެ ގައުމުގެ މީހުން މި އަމަލު ކުރުމުގެ ސަބަބުން އެބައިމީހުންގެ މައްޗަށް ގަދަފަދަ އަޒާބު ފޮނުއްވައި، އެ ބިން ފުށުންޖައްސަވާފައިވާކަން ކީރިތި ގުރުއާނުން އެނގެން އޮވެއެވެ.
އިޖުތިމާއީ ގޮތުން ބަލާއިރު، މިއީ އާއިލީ ނިޒާމު ފުނޑުފުނޑުކޮށްލާ، އިންސާނީ ނަސްލު ދެމެހެއްޓުމަށް އޮތް ބޮޑު ހުރަހެކެވެ. މިކަމުގެ ސަބަބުން މުޖުތަމައުގެ އަޚުލާގީ މިންގަނޑުތައް ގެއްލި، އިންސާނީ ކަރާމާތާއި އިއްފަތްތެރިކަން ނެތިގެންދެއެވެ.
ސިއްހީ ގޮތުން ބަލާއިރު، އެއްޖިންސުން ގުޅުން ހިންގުމަކީ އެޗް.އައި.ވީ/އެއިޑްސް ފަދަ ނުރައްކާތެރި، ފަރުވާއެއް ނެތް ބަލިތައް ފެތުރުމަށް މަގުފަހިވާ ކަމެކެވެ. މީގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ގޮތުންވެސް ގިނަގުނަ ގެއްލުންތަކެއް މިކަމުގެ ސަބަބުން ކުރިމަތިވެއެވެ.
ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު އިސްލާމީ ޝަރީއަތުގެ މައްޗަށް ބިނާވެފައިވާތީ، އެއްޖިންސުން ގުޅުން ހިންގުމަކީ ރާއްޖޭގައި މަނާ، ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެކެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި މިފަދަ ނުބައި އަމަލުތަކުން މުޖުތަމައު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.


