ކިތަންމެ ފާޑުކިޔުމެއް އަމާޒުވިޔަސް މި ސަރުކާރު ދެމިއޮންނާނީ އިސްލާމް ދީން ހިމާޔަތް ކުރުމުގަ: ރައީސް
14 މޭ 2026 - 17:17

ބޭރުގެ ޖަމިއްޔާތަކާއި ގައުމުތަކުން ކޮންމެ ފާޑުކިޔުމެއް އަމާޒުކުރި ނަމަވެސް، މިހާރުގެ ސަރުކާރުން އިސްލާމްދީނަށް ނަސްރުދީ، ދީން ހިމާޔަތްކުރުމުގައި ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިޔަގީންކަން ދެއްވީ ޕީއެންސީން މެއި 14 ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ރައީސް ވިދާޅުވީ އެމްޑީޕީގެ ފާއިތުވި ދެ ސަރުކާރުންވެސް ތަންފީޒުކުރީ އިސްލާމްދީނާ ދެކޮޅު ސިޔާސަތުތަކެއް ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އިސްލާމީ އަގީދާއަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު އެކުލަވާލި ފަރާތްތަކަށް އެ ސަރުކާރުން އިސް މަގާމުތައް ދީފައިވާކަމަށެވެ.
މީގެއިތުރުން ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތަކީ އިސްލާމްދީން ހިމާޔަތްކުރުން ކަމުގައި ވީހިނދު، ސަރުކާރުގެ ހުރިހާ ސިޔާސަތެއްވެސް ބައްޓަންކުރެވިފައިވަނީ މި އަސާސްގެ މައްޗަށްކަން ހާމަކުރެއްވިއެވެ. އަަދި ދީނާއި ދުރު ސިޔާސަތުތައް ޞާލިޙްގެ ސަރުކާރުގައިވެސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ތަންފީޒުކުރި ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ރާއްޖެއަކީ ސައްތަ އިންސައްތަ އިސްލާމީ ގައުމެއް ކަމަށާއި، މި ގައުމުގައި އޮންނަންވާނީ އިސްލާމްދީނަށް ނަސްރުދިނުން އެކަނި ކަމަށެވެ. އަދި މިސަރުކާރު ދެމިއޮންނާނީ ވެސް އެގޮތުގައި ކަމަށް ވެސް ވަނީ ތަކުރާރުކުރައްވާފައެވެ.


