ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވޭ: މެޓް
15 މޭ 2026 - 18:15

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހަފުތާ ބަންދު ދެދުވަހުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
އެހެންނަމަވެސް އާދިއްތަ ދުވަހުން ފެށިގެން މިހާރަށްވުރެ ކަނޑުތައް މަޑުވާނެކަމަށާއި، ވައި ޖެހޭ ބާރުމިން މަޑުވާނެކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުންޏެވެ.
މެޓް އޮފީހުން ބުނީ މިރޭގެ ދަންވަރު އަދި މެންދަމުގެ ވަގުތުތަކުގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށާއި، ވައިޖެހޭ ބާރުމިންވެސް ގަދަވާނެކަމަށް ބުންޏެވެ. އަދި އާންމުކޮށް ހުރިހާ ހިސާބަކަށްވެސް ކަނޑު ގަދަވާނެކަމަށް ބުނެފައިވެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މިރޭ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގއި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް ވަނީ ބުނެފައެވެ.
މި ދުވަސްވަރު ރާއްޖެއަށް ބޯކޮސް ވާރޭވެހި ވިއްސާރަކުރަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިރުޝާދުދީފައެވެ.


