މެމްބަރު ފަލާހް ވިދާޅުވަނީ: ތިން ރައީސުންގެ ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތް ކަމަށް!
15 މޭ 2026 - 18:28

ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތް ތިން ބޭފުޅުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޞާލިހް، ނަޝީދު އަދި ޔާމީނަށް، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ފާޑުވިދާޅުވެއްޖެއެވެ.
މެމްބަރު ފަލާހް މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރަން ކަމަށް ވިދާޅުވެ، ބޭއްވި ނޫސް ކޮންފަރެންސްގައިވެސް ނޫސްވެރިން ސުވާލު ކުރަންޖެހުނީ އެތިން ރައީސުން އެދިލައްވާ ގޮތަށް ކަަމަށެވެ. އެހެން ނޫނީ ހުއްޓުވާލީކަން މެމްބަރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
ފަލާހް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިޔާ ރިލްވާނާއި ޔާމީން މަރާލި ވާހަކަ ދެއްކީމަ ރައީސް ޔާމީނަށް ގޯސް ކަމަށާއި މި މަރުތަކުގެ ތަހުގީގު ރައީސް ޞާލިޙް ނުކުރައްވާ ކަމަށް ބުނުމުން ރައީސް ޞާލިހަށް ގޯސް ކަމަށެވެ. އަބުދުﷲ ގާޒީ ހައްޔަރު ކުރި ވާހަކަ ދެއްކުން ރައީސް ނަޝީދަށް ގޯސް ކަމަށާއި ދެން މި ބޭފުޅުންނަށް ހޯދައިދެއްވޭނީ ކޮން މިނިވަންކަމެއްތޯ އޭނާ ސުވާލުކުރެއްވިއެވެ.
އެއްބަސްވެވަޑައިގަތް ލިޔުމުގައި، ޝަރުޢީ ދާއިރާއާއި މަޖިލީހުގެ މިނިވަންކަމާއި، އިގްތިސާދީ ޙާލަތު ރަނގަޅު ކުރުމާއި، ކޮރަޕްޝަން ނައްތާލުމުގެ ވާހަކަ އޮތީމާ އަންނަނީ ހިނި ކަމަށް މެމްބަރު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ގާޒީއެއް ވަގަށް ނަގައިގެން ޖަލަށްލި ކަމަށާއި ކޯޓުތަކުގައި ތަޅު އަޅުވައި ކޯޓުތައް އަންދާލި ކަމަށް ލިޔުއްވާފައިވެއެވެ. އަދި ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހާލި ކަމަށާއި އެމްއެންބީސީގެ ވައްކަމާއި ސާކް ސަމިޓްގެ ވައްކަން އެހުރީ ފެންނަން ކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވި ގޮތުގައި، ރައީސް ޔާމީންވަނީ ކޯޓުގެ ޓިނު ނަގައި، ގާޒީންނަށް ބިރު ދައްކާފައެވެ.
ހ. ދަވާލިއަށް ބަލާލީމާ ދައުލަތުން ވަގަށްނެގި ފައިސާގެ ކުޑަކުޑަ މިންވަރެއް ފެންނާނެ ކަމަށާއި ބާރަ މެންބަރުން ވަކިކޮށް މަޖިލިސް ހިސޯރުކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިންގެ އަނގަމަތީ ޓޭޕް އެޅި ކަމަށާއި ބޭބޭފުޅު ހިމެނޭ ގޮތުން އެތައް ބަޔަކު ނުހައްގުން ޖަލަށްލާ އަނިޔާކުރި ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޞާލިޙް، ގައުމު ދަރަނި ދަންތުރައެއްގައި ޖައްސައި، 60 ބިލިޔަން ރުފިޔާއިން ދަރުވާލިކަން ވެސް ފަލާހް ފާހަގަކުރެއްވިއެވެ. އަދި ނޭވާ ހޮޅިން ވައްކަންކޮށް، ބަދަލުގެ ގޮތުގައި 2 ބިލިޔަން ރުފިޔާގެ ވައްކަން ހިންގި ކަމަށް ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރީވެސް ރައީސް ޞާލިހް ކަމަށާއި ސްޕްރީމް ކޯޓުގެ ބެންޗް އެއްކޮށް ވަކިކުރި ކަމަށް ވެސް މެމްބަރު ފަލާހް ވިދާޅުވިއެވެ. ހައި ކޯޓުގެ ގާޒީން ވަކިކުރި ކަމަށާއި ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ވިއްކާލި ކަމަށް އަދި ފޯޅަވަހި ދޫކޮށްލީ ފައިސާއަށް ކަމަށް ތުހުމަތުކުރެއްވިއެވެ.
މިއީ ވެރިކަމުގެ އާރާއި ބާރު ލިބުމުން ކަންކުރި ގޮތުގެ ކުޑަ މިންވަރެއްކަން ފާހަގަކުރައްވައި ފަލާހް ވަނީ ދެން މި މީހުން ގައުމާއި ރައްޔިތުންނަށް ހެއު އެދޭނެ މިންވަރު ވިސްނާލުމަށް އެދިވަޑައިގަންނަވާފައެވެ.
" އޮތީ ހުސް އަމިއްލަ އެދުން." ފަލާހް ވިދާޅުވިއެވެ.


