ތިން ރައީސުންގެ ވެރިކަމުގައި ހިންގި ބޮޑެތި ޚިޔާނާތްތައް މަޖިލީހުގެ ރައީސް ހަނދާން އައުކޮށްދެއްވައިފި
16 މޭ 2026 - 04:40

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ރައީސް މުޙައްމަދު ނަޝީދު އެކުގައި މަސައްކަތް ކުރެއްވުމަށް ރޭ ބައިއަތު ހިއްޕެވުމާ ގުޅިގެން، އެ ބޭފުޅުންގެ ވެރިކަންތަކުގައި ހިނގާފައިވާ ބޮޑެތި ޚިޔާނާތްތަކާއި ނޭދެވޭ ކަންކަމުގެ ހަނދާންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ އައުކޮށްދެއްވައިފިއެވެ.
މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މީގެ ކުރިން އިދިކޮޅު ފިކުރުގައި ތިއްބެވި މި ތިން ރައީސުން މިހާރު އެއްގަލަކަށް އަރާވަޑައިގެންނެވިއިރު، މާޒީގައި ހިނގާފައިވާ ގިނަ ކަންތައްތަކެއް މިއަދު އެ ބޭފުޅުންނަށް "އޯކޭ" ވެފައިވާ ކަމަށެވެ.

Ad by Hajj Corporation
އެގޮތުން، ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި ދޮރާށި ކަމަށްވާ ގައުމީ ވައިގެ ބަނދަރު ވިއްކާލުމާއި، ޢަބުދުﷲ ޤާޒީ ހައްޔަރުކުރި ކުރުން ޢަބުދުއްރަޙީމް ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި ތަޅު އެޅުވި ހާދިސާގެ އިތުރުން ސިޔާސީ ލީޑަރުން ހައްޔަރުކުރި ކުރުންވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
މީގެ އިތުރުން، ރައީސް ޞާލިޙްގެ ވެރިކަމުގައި ހިނގި ވެންޓިލޭޓަރުގެ ވައްކަމާއި، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުމުގެ މައްސަލައިގެ އިތުރުން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު އެމްޑީއެންގެ ރިޕޯޓުގެ މައްސަލަވެސް މަޖިލީހުގެ ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ދިރާގާއި ފެންކުންފުނީގެ ޙިއްޞާ ވިއްކާލުން ފަދަ ކަންކަމަކީވެސް މި ތިން ރައީސުންގެ ޒިންމާ އޮތް ކަންކަން ކަމަށް އެމަނިކުފާނު އިޝާރާތް ކުރެއްވިއެވެ.
"މިހިރަ ހުރިހައި ކަމެއް ވެސް މިތިއްބެވި 3 ރައީސުންނަށް މިހާރު އޯކޭ. މީ އަދި ކުޑަ މިންވަރެއް،" ޢަބުދުއްރަޙީމް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މީގެ ކުރިން މި ބޭފުޅުން އެކަކު އަނެކަކަށް ފާޑުވިދާޅުވެ ދެއްކެވި ހުރިހާ ވާހަކަތަކެއް މިއަދު ފަރިއްސަށް ވެފައިވާ ކަމަށާއި، މިއީ އަމިއްލަ އެދުމުގެ އިންތިހާ ކަމަށެވެ.
މި ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގައުމުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.


