ޔާމީންގެ ވެރިކަން ނިމުނީ އަނިޔާވެރިވެ، ދިވެހިންގެ ބައިތުލްމާލު ދިރުވާލީމާ: އަބްދުއްރަހީމް
5 ސެޕްޓެމްބަރު 2026 - 19:50

ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަން ނިމިގެންދިޔައީ އަނިޔާވެރިވެ، ދިވެހި ރައްޔިތުންގެ ބޭތުލްމާލު ދިރުވާލުމުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ އެ މަނިކުފާނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޕީޕަލްސް ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Ad by Hajj Corporation
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަމެއް ނެތް ކަމަށް ވިދާޅުވެ، މަޖިލީހަކީ 'ކުއްތާ ކޮށްޓެއް' ގެ ގޮތުގައި ޔާމީން ސިފަކުރެއްވުމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅެއްގެ ފަރާތުން އެފަދަ ވާހަކަތަކެއް ފެނިގެން ދިޔުމަކީ އެ މަނިކުފާނުގެ ކިބައިގައި ހުރި ބޮޑާކަން ހާމަވާ ކަމެއް ކަމަށެވެ. އަދި ޔާމީނަކީ ވެރިކަން ކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި 21 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުން އިންތިޚާބު ކޮށްފައި ހުރި ރައީސުލްޖުމްހޫރިއްޔާއަކަށް އެ މަގާމުގެ ނަން ގެންނަން ނުކެރޭ ހިސާބަށް ކުރީގެ ރައީސެއްގެ ފެންވަރު ދިޔުމުން އެނގެނީ ހިތުގައި ހަސަދަވެރިކަން އަށަގެންފައިވާ މިންވަރު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނުނިމޭ ކަމަށާއި، ނިމިގެން ދިޔައީ ޔާމީންގެ ވެރިކަން ކަމަށް ވިދާޅުވެ އޭނާ ވަނީ ޔާމީނަށް ވަރަށް ހޫނު ހަމަލާތަކެއް ދެއްވާފައެވެ. އަބުދުއްރަޙީމް ވިދާޅުވީ "އެކަމަކު ފަލާހާ އަބްދުއްރަހީމާ މުއިއްޒުގެ ވެރިކަމެއް ނުނިމޭ ކަމަށާއި'' ނިމުނީ ޔާމީންގެ ވެރިކަން ކަމަށެވެ.
''ނިމުނީ އެ ބޭފުޅާގެ [ޔާމީންގެ] ވެރިކަން. ވެރިކަން ނިމުނީ ބޮޑާކަމުން. ވެރިކަން ނިމުނީ ކިބުރުވެރިކަމުން. ވެރިކަން ނިމުނީ ނުލަފާ ކަމުން. ވެރިކަން ނިމުނީ ބަސްނޭހީމާ. ވެރިކަން ނިމުނީ އަދުލުއިންސާފު ގާއިމްނުކުރީމާ. ވެރިކަން ނިމުނީ އަނިޔާވެރިވީމާ. ވެރިކަން ނިމުނީ ހިޔާނާތްތެރިވީމާ. ވެރިކަން ނިމުނީ ދިވެހިރައްޔިތުންގެ ބޭތުލްމާލު ދިރުވާލީމާ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެއިތުރުން، މަޖިލީހުގެ ބައެއް މެންބަރުން ރައީސް މުއިއްޒު އަރިހުގައި ތިއްބެވީ 'ގަދަކޮށް ނޫން' ކަމަށް ވިދާޅުވެ ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ މެންބަރުން ތިއްބެވީ އިޚްލާސްތެރިކަމާއެކު ވަރަށް ގަދަކޮށް ކަމަށެވެ. އަދި ޕީއެންސީގެ ތެރޭގައި ރެނދު އަޅުވަން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ޕީއެންސީގެ އިސް ބޭފުޅުންނާ މެދު ޔާމީން ހިތްހަމަޖެހިވަޑައި ނުގަންނަވަނީ އެ މަނިކުފާނު ނޫން އެހެން ބޭފުޅަކަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރެއްވުމުން ކަމަށް ވެސް އަބްދުއްރަހީމް ތުހުމަތު ކުރެއްވިއެވެ.


