ގެއްލުނު ފަތުރުވެރިން ހޯދަން ބޭރުގެ މާހިރުން ގެންނަނީ
16 މޭ 2026 - 13:13

ވ. އަތޮޅު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީއަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ހޯދުމަށް ބޭރުގެ މާހިރުން ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް(މުންދު)ވިދާޅުވެއްޖެއެވެ.
މުންދު ވިދާޅުވީ، މާހިރުން ގެންނަނީ އިޓަލީގެ ސަރުކާރުން އިރުޝާދު ދީގެން ކަމަށެާއި،އަދި ގެންނަނީ އިޓަލީ ސަރުކާރުން ލަފާ ދޭ ބައެއް ކަމަށެވެ.

Ad by Hajj Corporation
މުންދު ވިދާޅުވީ އެ މީހުން ރާއްޖެ އަންނާނެ ވަކި އިރެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އެމީހުންގެ މަސައްކަތުގައި ފަންނީ ގޮތުން ނުވަތަ ބޭނުންކުރާ ޓެކްނިކަލް ބައެއް ސާމާނާއި ބައެއްކަހަލަ އެހީތެރިކަން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއިން ފޯރުކޮށްދެއްވާ ކަމަށް މުންދު ވަނީ މައުލޫމާތު ދެއްވާފައެވެ.
މުންދު ވިދާޅުވީ ފަތުރުވެރިން ހޯދުމަށް ރާއްޖެއަށް އަންނަ މާހިރުންގެ ޓީމަކީ އިޓަލީއާއި އޮސްޓްރޭލިއާއި އިނގިރޭސިވިލާތުން މުއާމަލާތު ކުރެވި ތިން ގައުމުން ގުޅިގެން އަދި ރާއްޖެއާވެސް އަންނަ ޓީމެއް ކަމަށެވެ. އެ ޓީމުގައި ކޭވް ޑައިވިން ސްޕެޝަލިސްޓެއް ވެސް ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ވ. އަތޮޅު ކައިރިއަށް ޑައިވްކުރަން ގޮސް އުޅެނިކޮށް އިޓަލީއަށް ނިސްބަތްވާ ހަތަރު ފަތުރުވެރިން ގެއްލުނު މި ހާދިސާއާ ގުޅިގެން ފަތުރުވެރިން ޑައިވިންއަށް ދިޔަ ސަފާރީގެ އޮޕަރޭޓިން ލައިސެންސް ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފައެެވެ.
ޑައިވަރުން ގެއްލުނު ކަމަށްބެލެވޭ މި ކޭވް ހިމެނޭ ސަރަޙައްދަކީ އާންމުކޮށް ރާއްޖެ އަންނަ ފަތުރުވެރިންނާއި، ޑައިވަރުންވެސް ޑައިވްކޮށް އުޅޭ ސަރަޙައްދަށްވުރެ ފުން، އަދި ޚާއްސަ އާލާތްތަކެއް ހިފައިގެން ނޫނީ ޑައިވްކުރެވޭ ހިސާބެއްނޫނެވެ. ކޭވް ފެށެނީ 45 މީޓަރު އަޑިންނެވެ. އަދި ކޭވްއިން ނިކުމެވޭއިރު 60 މީޓަރު އަޑިއަށް ދެވެއެވެ. ޑައިވަރުން ހޯދުމަށްޓަކާ އެމްއެންޑީއެފްގެ ކޯސްޓްގާޑުން އަންނަނީ ހައި ރިސްކު އޮޕަރޭޝަނެއް ހިންގަމުންނެވެ


