އަހަރެންގެ އަނބިމީހާއަކީ މި ބިމުގައި ހުރި އެންމެމޮޅު އެއް ޑައިވަރު، ކަނޑުއަޑީގައި ކޮންމެސް ކަމެއް ހިނގައިފި: ގެއްލުނު އެއް ޑައިވަރުގެ ފިރިމީހާ
16 މޭ 2026 - 16:26

ރާއްޖޭގެ ކަނޑުއަޑީގެ ހޮހަޅައަކަށް ޑައިވިންއަށް ދިޔަ ގުރޫޕެއްގެ ތެރެއިން ގެއްލުނު ފަސް މީހުންގެ ތެރޭގައި ހިމެނޭ އިޓަލީގެ މަންމައަކާއި ދަރިއެއްގެ ވަކިވުމާ ގުޅިގެން، އެ އަންހެންމީހާގެ ފިރިމީހާ އަދި ކުއްޖާގެ ބައްޕަ ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު ހިނގި މި ހިތާމަވެރި ހާދިސާގައި ފުރާނަ ގެއްލުނު މޮނިކާ މޮންޓެފަލްކޯން (52 އަހަރު) އާއި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް (20 އަހަރު) ގެ ކުއްލި ވަކިވުމާ ގުޅިގެން، މޮނިކާގެ ފިރިމީހާ އަދި ރިޓަޔަރޑް ސައިންސްވެރިއެއް ކަމަށްވާ ކާލޯ ސޮމަކަލް ބުނީ، އޭނާގެ އަނބިމީހާއަކީ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރު ޑައިވަރެއް ކަމަށެވެ.

Ad by Hajj Corporation
"އަހަންނަށް ޔަގީންވާ ކަމަކީ އަހަރެންގެ އަނބިމީހާއަކީ މި ބިމުގައި ހުރި އެންމެ މޮޅު އެއް ޑައިވަރުކަން. އޭނާއަކީ އަބަދުވެސް ވަރަށް ވިސްނުންތެރިކަމާއެކު މަސައްކަތްކުރާ މީހެއް. އޭނާ ދުވަހަކުވެސް ދަރިފުޅުގެ ނުވަތަ އެހެން މީހެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ފަދަ ކަމެއް ނުކުރާނެ،" އިޓަލީގެ 'ލާ ރިޕަބްލިކާ' ނޫހަށް ދިން އިންޓަވިއުއެއްގައި ކާލޯ ބުންޏެވެ.
ކާލޯ ގަބޫލުކުރާ ގޮތުގައި ކަނޑުގެ އަޑީގައި އުންމީދު ނުކުރާ ފަދަ ކަމެއް ވަނީ ހިނގާފައެވެ.
"އަޑީގައި ކޮންމެވެސް ކަމެއް ހިނގައިފިކަން ޔަގީން. ފަހަރެއްގައި މީހަކަށް މައްސަލައެއް ދިމާވީ ނުވަތަ އޮކްސިޖަން ސިލިންޑަރަށް މައްސަލައެއް ދިމާވީ ކަމަށް ވެދާނެ. އެކަމަކު މޮނިކާގެ އަމަލުތައް ހުންނާނެ ގޮތާ މެދު އަހަރެން އެއްވެސް ޝައްކެއް ނުކުރަން،" އޭނާ އިތުރަށް ބުންޏެވެ.
މި ދަތުރަކީ ޖެނޯއާ ޔުނިވަރސިޓީގެ ޓީމަކުން ކުރި ދަތުރެކެވެ. މޮނިކާއަކީ އެ ޔުނިވަރސިޓީގެ އިކޮލޮޖީ ޕްރޮފެސަރެއްގެ އިތުރުން މަޝްހޫރު މެރިން ބަޔޮލޮޖިސްޓެކެވެ. އޭނާގެ ދަރިފުޅު ޖިއޯޖިއާއަކީ އެ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރެކެވެ. މި ހާދިސާ ހިނގިއިރު "ޑިއުކް އޮފް ޔޯކް" ނަމަކަށް ކިޔާ ސަފާރީއެއްގައި އިޓަލީގެ 20 މީހުން ތިއްބެވެ.
ކާލޯ ބުނި ގޮތުގައި އޭނާ އަނބިމީހާއަށް އެންމެ ފަހުން ފޮނުވި މެސެޖަކީ ގޭގައި ތިބި ބުޅާލުތަކުގެ ހާލު ރަނގަޅު ކަމަށް ބުނެ ފޮނުވި ވަޓްސްއަޕް މެސެޖެކެވެ. އޭނާ މިހާރު އިންތިޒާރު ކުރަމުންދަނީ ހަށިގަނޑުތައް ފެނޭތޯއެވެ. މިހާތަނަށް ފެނިފައިވަނީ ޖިއަންލޫކާ ބެނެޑެއްޓީ ނަމަކަށް ކިޔާ މީހެއްގެ ހަށިގަނޑު އެކަންޏެވެ.
ކާލޯ މިހާރު މަސައްކަތް ކުރަމުންދަނީ ހައިސްކޫލުގައި ކިޔަވާ އޭނާގެ ދަރިފުޅު މެތިއުއަށްޓަކައި ހިތްވަރު ކުރުމަށެވެ. އޭނާ ބުނި ގޮތުގައި މޮނިކާއާ ދިމާވީ މިލާނުން ކަމަށާއި، ޖެނޯއާއަށް ބަދަލުވީވެސް މޮނިކާ ކަނޑުދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.
މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދިނުކެނޑި ކުރަމުންނެވެ.


