ވެއްޓިފައިވާ ޔޫއެފްއޯތަކުން ހަތަރު ބާވަތެއްގެ އޭލިއަން ފެނުނު ކަމަށް އެމެރިކާގެ ކުރީގެ ރިސާޗަރަކު ހާމަކޮށްފި
16 މޭ 2026 - 16:46

އެމެރިކާއަށް ވެއްޓިފައިވާ އަންއައިޑެންޓިފައިޑް ފްލައިން އޮބްޖެކްޓްސް (ޔޫއެފްއޯ) ތަކުގެ ތެރެއިން ހަތަރު ތަފާތު ބާވަތެއްގެ އޭލިއަން ނުވަތަ ބިމުން ބޭރުގެ ދިރުންތައް ވަނީ ފެނިފައިކަމަށް އެމެރިކާ ސަރުކާރުގެ ކުރީގެ ރިސާޗަރަކު މިދިޔަ ބުރާސްފަތި ދުވަހު ބުނެފިއެވެ.
ސީ.އައި.އޭ އިން ފަންޑުކޮށްގެން ކުރިއަށްގެންދިޔަ ދިރާސާތަކުގައި އިސްކޮށް އުޅުއްވި އަދި އެޑްވާންސްޑް އެއަރޯސްޕޭސް ވެޕަން ސިސްޓަމް އެޕްލިކޭޝަންސް ޕްރޮގްރާމް (އޭއޭޑަބްލިޔުއެސްއޭޕީ) ގެ ކުރީގެ އެޑްވައިޒަރެއް ކަމަށްވާ ޑރ. ހަލް ޕުޓްހޮފް މިކަން ހާމަކުރެއްވީ "ދަ ޑަޔަރީ އޮފް އޭ ސީއީއޯ" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
އުމުރުން 89 އަހަރުގެ ޕުޓްހޮފް ވިދާޅުވީ، ވެއްޓިފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތުގައި އުޅުނު މީހުންގެ ފަރާތުން މަދުވެގެން ހަތަރު ބާވަތެއްގެ ދިރުން ފެނިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޑރ. ހަލް ޕުޓްހޮފް
"އަހަންނަށް ސީދާ އެ އެއްޗެހި ފެނިފައެއް ނުވޭ، އެކަމަކު އަހަރެން ވާހަކަދެއްކި މީހުންގެ ބަހަށް އިތުބާރު ކުރަން. އެއީ ހަތަރު ބާވަތެއްގެ ދިރުން،" އޭނާ ވިދާޅުވިއެވެ.
މި ދިރުންތަކާ ބެހޭ އިތުރު ތަފްސީލް ޕުޓްހޮފް ނުދެއްވި ނަމަވެސް، އޭނާގެ އެކުވެރި ރިސާޗަރު ޑރ. އެރިކް ޑޭވިސް މީގެ ކުރިން ވަނީ މި ހަތަރު ބާވަތަށް ކިޔާ ނަންތައް ހާމަކޮށްފައެވެ. އެއީ 'ގްރޭސް' (Grays)، 'ނޯޑިކްސް' (Nordics)، 'އިންސެކްޓޮއިޑްސް' (Insectoids) އަދި 'ރެޕްޓީލިއަންސް' (Reptilians) އެވެ. އިންޓެލިޖެންސް ރިޕޯޓްތަކާ ހަވާލާދީ ޑޭވިސް ވިދާޅުވި ގޮތުގައި، މި ހުރިހާ ބާވަތެއްގެ އޭލިއަންތަކުގެ ވެސް ހުންނަނީ އިންސާނުންނާ އެއްގޮތަށް ދެ އަތާއި ދެ ފައިގެ އިތުރުން ބޯ ކަމަށެވެ.
މި ބާވަތްތަކުގެ ސިފަތަކަށް ބަލާއިރު:
ނޯޑިކްސް: މިއީ އިންސާނުންނާ ވަރަށް ވައްތަރު، ހަ ފޫޓު އުސްމިން ހުންނަ، ޔޫރަޕްގެ އުތުރުގެ މީހުންނާ އެއްގޮތް ސިފަތަކެއް ހުންނަ ބައެކެވެ.
ރެޕްޓީލިއަންސް: މިއީ ގުނަވަންތައް އިންސާނުންނާ ވައްތަރު ނަމަވެސް، ހަންގަނޑު ހޯނު ފަދަ ސޫފިތަކާ ވައްތަރު، ނިގޫލީ، ކޮޅަށް ހިނގާ ބައެކެވެ.
ގްރޭސް: މިއީ ކުޑަކޮށް ތިބޭ، ބޮޑު ދެ ލޯ ހުންނަ، އިސްތަށި ނެތް ބައެކެވެ. މިއީ ފިލްމުތަކުން އާންމުކޮށް ފެންނަ އޭލިއަންގެ ސިފައެވެ.
އިންސެކްޓޮއިޑްސް: މިއީ ސޫފިތަކާ (ޚާއްޞަކޮށް ފަނިގަނޑާ) ވައްތަރު ސިފައެއް ހުންނަ ބައެކެވެ.
މި މައުލޫމާތުތަކަކީ އެމެރިކާގެ ކޮންގްރެސްގެ މެންބަރުން ކަމަށްވާ ނޭންސީ މޭސް، އެނާ ޕައުލީނާ ލޫނާ އަދި އެރިކް ބަރލިސަން ފަދަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުންތަކުގައި ވެސް މަޝްވަރާ ކުރެވިފައިވާ ކަންކަމެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރު އެމެރިކާގެ އެއަރ ފޯސްގެ ކުރީގެ އިންޓެލިޖެންސް އޮފިސަރު ޑޭވިޑް ގްރަޝް ވެސް ވަނީ އެމެރިކާ ސަރުކާރުގެ އަތުގައި "އިންސާނުން ނޫން ދިރުންތަކެއް" (non-human biologics) ހުރި ކަމަށް ހުވާގެ މަތީގައި ކޮންގްރެސްގައި ހެކިބަސް ދީފައެވެ.


