ތިން ރައީސުންގެ ބައްދަލުވުން ސިފަވަނީ ޤައުމު ހަލަބޮލިކޮށްލަން ކުރާ "ވަގުތީ ކައިވެންޏެއް" ގެ ގޮތުގައި: ޑރ. ޚަލީލް
16 މޭ 2026 - 16:59

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ރައީސް މުޙައްމަދު ނަޝީދު ބައްދަލުކުރެއްވުމަކީ، ބާރުތައް މުށުތެރެއަށް ލުމަށް ދަހިވެތިވެ، ޤައުމު ހަލަބޮލިކޮށް ވެރިކަން ވައްޓާލުމަށް ކުރާ "ވަގުތީ ކައިވެންޏެއް" ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޑރ. ޚަލީލް މިހެން ވިދާޅުވީ، ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މި ތިން ބޭފުޅުންނަކީވެސް މާޒީގައި ރައްޔިތުންނާއި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ބޭފުޅުންނެވެ.

Ad by Hajj Corporation
މި ބައްދަލުވުމާ ގުޅޭގޮތުން ޚަލީލް ވިދާޅުވީ، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަމާޒުކުރައްވާނެ ފަދަ ތުހުމަތުތަކެއް ހުރި ކަމަށެވެ. އެގޮތުން ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ވިދާޅުވީ، އެއީ ވެރިކަމުގެ ތަޚުތުގައި އިނުމަށްޓަކައި ޤައުމުގެ އެތައް ފަޅުރަށެއް ނުހައްގުން ގާތް މީހުންނަށް ބަހާލައި، މަގުތަކަށް މީހުން ނެރެ ދައުލަތުގެ މުދަލުގައި ހުޅުޖަހައި، 280 މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ދެއްވި ބޭފުޅާ ކަމަށެވެ.
ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން ޚަލީލް ވިދާޅުވީ، އެއީ ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ޚިޔާނާތް ހިންގި ބޭފުޅާ ކަމަށާއި، ނުހައްގުން އެތައް ބަޔަކު ޖަލަށްލައި، ނޫސްވެރިކަން "ފޮއްޓަކަށްލައި ތަޅުލި" އަނިޔާވެރިއެއް ކަމަށެވެ.
މީގެ އިތުރުން ރައީސް ޞާލިޙާ ގުޅޭގޮތުން ވިދާޅުވީ، އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބަޔަކާއި ފޯޅަވަހީގެ މައްޗަށް އޮތް ރާއްޖޭގެ ހައްގުތައް އަމިއްލަ ފައިދާއަށްޓަކައި ދޫކޮށްލައި، ޤައުމު އިންތިހާއަށް ދަރުވާލި ބޭފުޅާ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭގޮތަށް އަމަލުކުރައްވައި، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވި ބޭފުޅަކީވެސް އެއީ ކަމަށް ޚަލީލް ވިދާޅުވިއެވެ.
"ޤައުމާއި ރައްޔިތުންނަށް ހެޔޮއެދިގެން މި ތިން ބޭފުޅުން ދައްކަން އޮތީ ކޮން ވާހަކައެއްތޯ ހިތަށް އަރައެވެ." ޑރ. ޚަލީލް ވިދާޅުވިއެވެ.
ނިންމަވާލައްވަމުން އޭނާ ވިދާޅުވީ، މިފަދަ ކަންކަމުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.
މި ތިން ރައީސުންގެ ބައްދަލުވުމެއް ބޭއްވެވި މި ދަނޑިވަޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގައުމު އާރާސްތުކުރުމަށް ގިނަގުނަ މަސައްކަތްތަކެއްކުރަމުންދާ ވަގުތެއްގައިކަން ފާހަގަކުރެވެއެވެ.


