ފަސް ވަނަ ދައުރުގެ ކައުންސިލަރުން ހުވާ ކުރައްވައިފި
17 މޭ 2026 - 05:56

ލޯކަލް ކައުންސިލްތަކުގެ ފަސް ވަނަ ދައުރަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން މަޤާމުގެ ހުވާ ކުރައްވައި، ރަސްމީކޮށް މަސައްކަތާ ހަވާލުވެވަޑައިގަންނަވައިފިއެވެ.
ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ގިނަ ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުއެވެ. އެގޮތުން ބޮޑު ފަސް ސިޓީ ކަމަށްވާ، މާލެ، އައްޑޫ، ފުވައްމުލަކުގެ އިތުރުން ކުޅުދުއްފުށި، ތިނަދޫން އިންތިހާބުވެވަޑައިގެންނެވި ކައުންސިލަރުން ވަނީ ހުވާކުރައްވައިފައެވެ. ބައެއް ރަށްތަކުގެ ކައުންސިލަރުން ހުވާކުރުން ކުރިޔަށްދާއިރު މިއަދު ކުރިއަށް އޮތް ވަގުތުތަކުގައި އިތުރު ކައުންސިލަރުންތައް ވެސް ހުވާކުރައްވަން ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation
އަލަށް އިންތިހާބުވި ހުރިހާ މެންބަރުން ހުވާކުރައްވައި އިޤުރާރުގައި ސޮއިކުރައްވައި ނިމުމާއެކު، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވާނެއެވެ. މި ބައްދަލުވުންތަކުގައި ޑެޕިއުޓީ މޭޔަރުންނާއި، ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންވެސް އިގުރާރުގައި ސޮއިކުރެއްވުމަށްފަހު، އެ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަކީ، އެ ކޮމިޓީ ހިންގުމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ފުލްޓައިމް މަގާމެކެވެ.
މިދިޔަ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި 677 ކައުންސިލަރުން އިންތިހާބު ކުރައްވާފައިވާއިރު، މިއަދު 676 ކައުންސިލަރުން ހުވާ ކުރައްވާނެއެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ އިންތިހާބުގައި 673 މެންބަރުން އިންތިހާބުކުރައްވާފައިވާއިރު، މިއަދު 662 މެންބަރުން އިގުރާރުވާނެއެވެ.
މި އިންތިޚާބުގައި 1346 ކެންޑިޑޭޓުން އިންތިޚާބު ކޮށްފައިވާއިރު، އޭގެ ތެރެއިން ފަސް ސިޓީ ފިޔަވާ އެހެން ހުރިހާ ދާއިރާތަކަކުން ގިނަ ގޮނޑި ކާމިޔާބުކުރީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އިންނެވެ. ޕީއެންސީ އިން 584 ކާމިޔާބުކުރި އިރު، މައި އިދިކޮޅު ޕާޓީ އެމްޑީޕީން ވަނީ 563 ގޮނޑި ކާމިޔާބު ކޮށްފައެވެ. މިނިވަން ފިކުރުގެ ކެނޑިޑޭޓުން 169 ގޮނޑި ކާމިޔާބު ކުރި އިރު، ކޯލިޝަން ބައިވެރިންނާއި ކުދި ޕާޓީތަކުން 35 ގޮނޑި ކާމިޔާބު ކުރިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ އިންތިޚާބު ކުރެވުނު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ 2011 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެއަށްފަހު ކޮންމެ ދައުރެއް ފެށޭއިރު މިފަދަ ރަސްމިއްޔާތެއް ބޭއްވުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެކެވެ.


