އެބޯލާ ފެތުރޭތީ ޑަބްލިއުއެޗްއޯ އިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކާ އިއުލާން ކޮށްފި
17 މޭ 2026 - 07:55

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އާއި ޔުގެންޑާގައި ހަލުވިކަމާއެކު އެބޯލާ ބަލިމަޑުކަން ފެތުރެމުންދާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުވާންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް (PHEIC) އިއުލާނުކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ މިއީ މުޅި ދުނިޔޭގެ ސިއްހީ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ފާހަގަކުރެވޭތީއެވެ. ޑަބްލިއުއެޗްއޯ އިން ހާމަކުރި ގޮތުގައި، މި ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

Ad by Hajj Corporation
އެބޯލާގެ "ބަންޑިބުގްޔޯ" ވައްތަރުން ޖެހޭ މި ބަލިމަޑުކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑީއާރުސީގެ އިޓޫރީ ޕްރޮވިންސުން އެކަނިވެސް 8 މީހަކަށް ބަލި ޖެހިފައިވާކަން ވަނީ ޔަގީންކުރެވިފައެވެ. މީގެ އިތުރުން 246 މީހަކަށް ބަލި ޖެހިފައިވާކަމަށް ޝައްކުކުރެވޭއިރު، މި ބަލީގައި މިހާތަނަށް 80 މީހަކު މަރުވެފައިވާ ކަމަށް ލަފާކުރެވެއެވެ. މި ބަލި މިހާރު ވަނީ ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް، ޔުގެންޑާގެ ވެރިރަށް ކަމްޕާލާ އަށާއި ޑީއާރުސީގެ ވެރިރަށް ކިންޝާސާއަށް ވެސް ފެތުރިފައެވެ.
މި ހާލަތަކީ "އާދަޔާ ހިލާފު" ނުރައްކާތެރި ހާލަތެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ސިފަކުރެއެވެ. އެއީ، މުޖުތަމައުގެ ތެރޭގައި ސަބަބު ނޭނގޭ މަރުތައް އިތުރުވުމާއި ބަލިޖެހޭ ކަމަށް ޝައްކުކުރެވޭ މީހުން ގިނަވެފައި، ބަލި ކޮންޓްރޯލްކުރުމުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނަށް ބަލި ޖެހެމުންދާތީ ކަމަށް ބުންޏެވެ.
އަދި ކުރީކޮޅު ހަދާ ޓެސްޓުތަކުން ބަލި ހުރިކަމަށް ދައްކާ މިންވަރު މަތިވާއިރު، ބަލި ފެތުރޭ ގޮތް ސާފުނުވުމާއި އެކަމާ ގުޅޭ މައުލޫމާތު މަދުވުމަކީ ވެސް މި ބަލީގެ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ، ބަލި ފެތުރިފައިވާ މިންވަރު މިހާރު ފެންނަން އޮތް މިންވަރަށްވުރެ މާ ބޮޑުވުން އެކަށީގެންވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި ބަލި ފެތުރުމުގެ ބިރު އިންތިހާއަށް އޮތް ކަން ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ފާހަގަކޮށްފައެވެ.
މި ބަލިމަޑުކަމަކީ އަދި "ޕެންޑަމިކް" އެއް ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ވަބާއެއްގެ ގޮތުގައި ކަނޑަނޭޅި ނަމަވެސް، ބަލި މޮނިޓަރކުރުމުގެ ނިޒާމު ވަރުގަދަކުރުމަށާއި، ބޯޑަރުތަކުގެ ރައްކާތެރިކަން އިތުރުކޮށް އަވަސް ފިޔަވަޅުތައް އެޅުމަށް ހުރިހާ ގައުމުތަކަށް ޑަބްލިއުއެޗްއޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.


