ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 79 ވަނަ ވަރލްޑް ހެލްތު އެސެމްބްލީ ފެށިއްޖެ
18 މޭ 2026 - 13:07

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ސްވިޒަލޭންޑްގެ ޖެނީވާގައި ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ 79 ވަނަ ސެޝަން މިއަދު ފަށައިފިއެވެ.
މި ބައްދަލުވުމަކީ ދުނިޔޭގެ ޞިއްޙީ ދާއިރާގެ ކުރިމަގާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމުމަށް ބާއްވާ އެންމެ ބޮޑު ގަވަރނަންސް ބައްދަލުވުމެވެ. މި މަހުގެ 18 އިން 23 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މެމްބަރު 194 ޤައުމެއްގެ ޞިއްޙަތާބެހޭ ވަޒީރުންނާއި މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

Ad by Hajj Corporation
މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ޤީލާ އަލީއެވެ. މީގެ އިތުރުން، ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މިޝަންގެ ބޭފުޅުންނާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުން މި ވަފުދުގައި ބައިވެރިވެވަޑައިގަންނަވައެވެ.
79 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ ޤީލާ އަލީ ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މައުޟޫއަކީ “Reshaping Global Health: A Shared Responsibility” އެވެ.
މިއަހަރުގެ އެޖެންޑާގެ ދަށުން، ޞިއްޙީ ނިޒާމުތައް ވަރުގަދަކުރުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ އިތުރުން ޔުނިވާސަލް ހެލްތު ކަވަރޭޖާއި، ޕްރައިމަރީ ހެލްތު ކެއަރ އަދި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
މީގެ އިތުރުން، އެންޓިމައިކްރޯބިއަލް ރެސިސްޓެންސް (އޭ.އެމް.އާރް) އާ ދެކޮޅަށް އެކުލަވާލާފައިވާ ގްލޯބަލް އެކްޝަން ޕްލޭނަށް ގެންނަ އިޞްލާޙުތަކާއި، ޞިއްޙީ ދާއިރާގައި ބޭނުންކުރާ ޑޭޓާ، ޑިޖިޓަލް ހެލްތު އަދި އާޓިފިޝަލް އިންޓެލިޖެންސްގެ މިންގަނޑުތައް އެއްގޮތްކުރުމާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ .ހަމައެއާއެކު، މައިންނާއި ކުޑަކުދިންގެ ކާނާގެ ނިޒާމު ހަރުދަނާކުރުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ އަސަރުތަކާއި، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މަސައްކަތްތަކަށްވެސް އަލިއަޅުވާލާނެއެވެ. އަދި "ޕެންޑަމިކް އެގްރީމަންޓް" އާ ގުޅޭ އިންޓަރގަވަރމެންޓަލް ވޯކިންގ ގްރޫޕްގެ ރިޕޯޓު ހުށަހެޅުމާއި، ދުނިޔޭގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެއެވެ.
މި ބައްދަލުވުމުގެ ތެރެއިން ދިވެހިރާއްޖޭގެ ވަފުދުން ދޭދޭ ޤައުމުތަކާއި، އެކި ޖަމުޢިއްޔާތަކާ ބައްދަލުކޮށް، ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.


