logo
Bank of Maldives

Bank of Maldives

ޚަބަރު

ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ ހިންގާ ގަވާއިދަށް އަމަލުކުރަން ފަށައިފި

މެންދުރު ޓީމް
12 ސެޕްޓެމްބަރު 2026 - 16:07
އެމްއެންޔޫގެ ސްކޫލް އޮފް ނާސިންގައި ކޯހެއް ފުރިހަމަކުރި ދަރިވަރުންތަކެއް، ފޮޓޯ: އެމްއެންޔޫ
އެމްއެންޔޫގެ ސްކޫލް އޮފް ނާސިންގައި ކޯހެއް ފުރިހަމަކުރި ދަރިވަރުންތަކެއް، ފޮޓޯ: އެމްއެންޔޫ

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް އެކުލެވިގެންވާ ގޮތާއި، މެންބަރުން އައްޔަނުކުރުމާއި ވަކިކުރުމާއި، ކައުންސިލުގެ ބައްދަލުވުންތައް ހިންގާނެ ގޮތް ބަޔާންކުރާ ހިންގާ ގަވާއިދު ގެޒެޓުކޮށް، އަމަލުކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ހެދި މި ގަވާއިދަކީ، ގާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ކައުންސިލް ހިންގުމާ ގުޅޭގޮތުން، އެ ގާނޫނުގެ 98 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެކެވެ. ގަވާއިދު ނަންބަރު ‪2026/R-77 ގައި 30 މާއްދާއާއި ޖަދުވަލެއް ހިމެނޭއިރު، އަމަލުކުރަން ފެށީ 09 ސެޕްޓެންބަރު 2026 ގައި ގެޒެޓުކުރުމާއެކުއެވެ. ކައުންސިލުގެ ރަޖިސްޓްރާރގެ ގަވާއިދު ކުރިން ހަދާފައި އޮތްނަމަވެސް، ކައުންސިލް ހިންގުމުގެ ގަވާއިދެއް މިހާތަނަށް ހަދާފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަވާއިދު ބުނާ ގޮތުން ކައުންސިލް އެކުލެވިގެންވަނީ 9 މެންބަރުންގެ މައްޗަށެވެ. އެއީ ރާއްޖޭގައި މަސައްކަތްކުރާ ރަޖިސްޓަރޑް ނަރުހުންގެ ތެރެއިން 3 ނަރުހުންނާއި، ރަޖިސްޓަރޑް މިޑްވައިފެއްގެ އިތުރުން، މިނިސްޓަރު އައްޔަނުކުރާ ފަރާތަކާއި، ނަރުހެއް ނުވަތަ މިޑްވައިފެއް ކަމުގައި ނުވާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއަކާއި، ނަރުހުންނާއި މިޑްވައިފުން ތަމްރީނުކުރާ މަރުކަޒެއްގައި 5 އަހަރުގެ ތަޖުރިބާ ހުރި ފަރާތަކާއި، 5 އަހަރުގެ ތަޖުރިބާ ހުރި ގާނޫނީ ވަކީލަކާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމުއިއްޔާއެއްގެ މެންބަރެކެވެ.

ނަރުހުންނާއި މިޑްވައިފުންގެ ގޮނޑިތަކަށް މެންބަރުން ހޮވާނީ، މިނިސްޓްރީން އާންމުކޮށް އިއުލާނުކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކުގެ ތެރެއިންނެވެ. ބާކީ ހުރި ގޮނޑިތަކަށް މެންބަރުން ހޮވާނީ މިނިސްޓްރީން އެކުލަވައިލާ ސިލެކްޝަން ކޮމިޓީއަކުންނެވެ. އަދި ނަރުހުންގެ ގޮނޑިތަކުގެ ތެރެއިން މަދުވެގެން އެއް މެންބަރަކީ އަތޮޅުތަކުގައި މަސައްކަތްކުރުމުގެ އަހަރެއްގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެއެވެ.

ކައުންސިލުގެ މެންބަރުކަމަށް ބޭނުންވާ އާންމު ސިފަތަކުގެ ތެރޭގައި، ސިއްހީ ހިދުމަތްދޭ ތަނެއްގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ކަމުގައި ނުވުމާއި، އެފަދަ ތަނެއްގެ ހިއްސާ އަމިއްލަ ނަމުގައި ނުވަތަ ހިއްސާ އޮންނަ ކުންފުންޏެއްގެ ނަމުގައި ނެތުން ހިމެނެއެވެ. މީގެ އިތުރުން، ގާނޫނެއްގައި ކަނޑައެޅިފައިވާ އިންތިހާބަކުން މަގާމަކަށް ހޮވިފައިވާ މީހަކަށް ނުވުމާއި، ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން ވެސް ޝަރުތުކޮށްފައިވެއެވެ. ދިވެހި ރައްޔިތަކަށްވުމާއި، ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން ވެސް ލާޒިމުކުރެއެވެ.

ކައުންސިލުގައި މަދުވެގެން އެއް އަންހެން މެންބަރާއި އެއް ފިރިހެން މެންބަރު ހިމެނެން ޖެހޭ ކަމަށާއި، ކައުންސިލުގެ އިސް މުވައްޒަފެއްގެ ގޮތުގައި މެންބަރެއްގެ އާއިލާގެ މީހަކު ހިމެނިގެން ނުވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އާއިލާގެ މީހެއްކަމަށް ބަލާނީ އަނބިމީހާ ނުވަތަ ފިރިމީހާ، މައިންބަފައިން، ދަރިން އަދި އެއްބަނޑުއެއްބަފާ މީހުންނެވެ.

މެންބަރުންގެ ދައުރަކީ 5 އަހަރެވެ. އިތުރު އެއް ދައުރަށް އައްޔަނުކުރެވިދާނެ ނަމަވެސް، ވިދިވިދިގެން ކަމުގައި ވިޔަސް އެހެން ގޮތަކަށް ކަމުގައި ވިޔަސް، 5 އަހަރުގެ ދެ ދައުރަށްވުރެ ގިނަދުވަހު މެންބަރުކަމުގައި ނުހުރެވޭނެއެވެ. މަގާމު ހުސްވެއްޖެ ނަމަ، ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހެއެވެ.

މެންބަރަކު މަގާމުން ވަކިކުރުމުގެ އިހުތިޔާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ވަކިކުރެވޭނީ، މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދުން، ވާޖިބާ ތައާރުޒުވާ އަމިއްލަ މަސްލަހަތެއް އޮތުން، ނުވަތަ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން، މި ތިން ހާލަތުންކުރެ ހާލަތެއް މެދުވެރިވެގެންނެވެ. ވަކިކުރާއިރު ސަބަބު ބަޔާންކުރަން ޖެހެއެވެ. މެންބަރުން އިސްތިއުފާ ދޭނީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުންނެވެ.

ކައުންސިލުގެ ބައްދަލުވުމެއް މަދުވެގެން މަހަކު އެއްފަހަރު ބާއްވަން ޖެހޭއިރު، ކޯރަމަކީ 5 މެންބަރުންނެވެ. ނިންމުންތައް ނިންމާނީ ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ރިޔާސަތު ބަލަހައްޓާ މީހަކު ވޯޓު ނުދޭނެ ކަމަށާއި، ނަމަވެސް ވޯޓު އެއްވަރުވެއްޖެ ނަމަ އޭނާއަށް ފެންނަ ކޮޅަކަށް ވޯޓުދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަމިއްލަ މަސްލަހަތު އޮންނަ މައްސަލައެއްގައި މެންބަރަކު ބައިވެރިވެގެން ނުވާނެ ކަމަށާއި، އެކަން ރިޔާސަތަށާއި އެހެން މެންބަރުންނަށް އަންގަން ޖެހޭނެ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.

އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުން ބޭއްވިދާނެ ނަމަވެސް، ކޯރަމް ހަމަވާން ޖެހޭނެއެވެ. ބައްދަލުވުން ފެށޭތާ 15 މިނެޓުގެ ތެރޭގައި ހާޒިރުނުވާ މެންބަރަކު ހާޒިރުވި ކަމަކަށް ނުބެލެވޭއިރު، މަގުބޫލު އުޒުރެއް ނެތި ބައިވެރިނުވެވޭ ނަމަ ބައްދަލުވުން ފެށުމުގެ އެއް ގަޑިއިރު ކުރިން އަންގަން ޖެހެއެވެ. މަގުބޫލު އުޒުރެއް ކަމަށް ބަލާނީ ތިމާ ނުވަތަ ތިމާ ބަލަންޖެހޭ މީހަކު ބަލިވުމެވެ.

މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު ތިންވަނަ ފަރާތަކަށް ހާމަކުރުމާއި، އެ މައުލޫމާތު ބޭނުންކޮށްގެން އަމިއްލައަށް ނުވަތަ އެހެން މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުން ގަވާއިދުން މަނާކުރެއެވެ. މެންބަރުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް އެލަވަންސެއް ދޭން ޖެހޭއިރު، އެ އެލަވަންސް ކަނޑައަޅާނީ ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރާ ވުޒާރާގެ ވަޒީރެވެ.

ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދޭނީ މިނިސްޓްރީގައި ގާއިމުކުރާ ސެކްޝަނަކުން ކަމަށާއި، އެ ސެކްޝަނުގެ އެންމެ އިސް ވެރިޔަކީ ކައުންސިލުގެ ރަޖިސްޓްރާރ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރަން ފެށޭނީ، ގަވާއިދުގެ ޖަދުވަލު 1 ގައިވާ އިގުރާރުގައި ސޮއިކުރުމަށްފަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ ހިންގާ ގަވާއިދަށް އަމަލުކުރަން ފަށައިފިޚަބަރު | 40 މިނިޓު ކުރިންދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 79 ވަނަ ވަރލްޑް ހެލްތު އެސެމްބްލީ ފެށިއްޖެޚަބަރު | 4 މަސް ކުރިންއެވޯޑުވެސްދޭގޮތަށް ''ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިން'' ފަށައިފިޚަބަރު | 10 މަސް ކުރިންސީއާރުވީއެސް ކޮންފަރެންސްގައި ހެލްތް މިނިސްޓްރީއިން ބައިވެރިވެއްޖެޚަބަރު | އަހަރެއް ކުރިން