ފިންލޭންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން އަތުވެއްޖެ
17 މޭ 2026 - 09:31

ވ. އަތޮޅުގެ ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދަން ރެސްކިއު އޮޕަރޭޝަނާއި ގުޅުމަށް ފިންލޭންޑްގެ ތަޖުރިބާކާރު ތިން ޑައިވަރުން ރާއްޖެ އަތުވެއްޖެއެވެ.
ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަކަށް ޑައިވިންއަށް މިމަހުގެ 14 ވަނަ ދުވަހު ފައިބާފައިވަނީ އިޓަލީގެ 5 ފަތުރުވެރިންނެވެ. ދިވެހި އެއްވެސް ޑައިވަރަކާ ނުލާ އެ ފަތުރުވެރިން ޑައިވިންއަށް ފައިބާފައިވާއިރު، އެމީހުންގެ ހަބަރެއް ނުވެގެން އެމީހުން ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން ފަތުރުވެރިއަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެދުވަހުގެ ވަގުތެއްގައި ކަނޑުގެ 60 މީޑަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ.

Ad by Hajj Corporation
މި ހާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީގެ ޑައިވިންގ އިންސްޓްރަކްޓަރަކާއި، 4 ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ.
މި އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުޙައްމަދު މަޙުދީ ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މިވަގުތަށް މެދުކަނޑާލާފައެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ އިސް ތަރުޖަމާން މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، ފިންލޭންޑުގެ ޑައިވަރުންގެ ޓީމު މިހާރު ދިވެހި ކޯސްޓްކާޑާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އޮޕަރޭޝަން އަލުން ފަށާނީ ކޮން އިރަކުތޯއާއި އަދި މިކަމުގައި ގެންގުޅޭނެ ސްޓްރެޓެޖީތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.


