ކުރީގެ ތިން ރައީސަކު އުޅުއްވަނީ ޙައްޤެއް ހަނިވެގެންނެއްނޫން، ވެރިކަން ނުލިބިގެން: މަމްދޫހް
17 މޭ 2026 - 12:44
ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ރައީސް މުޙައްމަދު ނަޝީދު އުޅުއްވަނީ އެއްވެސް ޙައްޤެއް ހަނިވެގެން ނޫން ކަމަށާއި، އެ ބޭފުޅުންގެ ހަގީގީ ބޭނުމަކީ ވެރިކަން ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫޙް ވިދާޅުވެއްޖެއެވެ.
ކުރީގެ ތިން ރައީސުން ބައްދަލުވުމެއް ބާއްވާފައި ވަނިކޮށް، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަމްދޫހް ވިދާޅުވީ އެ ބޭފުޅުންނަކީ ވެރިކަން ނޫން އެއްޗެއް ބޭނުންނުވާ، އަދި ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފައިވާ ބޭފުޅުން ކަމަށެވެ. މިއަދު އޮތް އިރުވެސް ނެތް ކަމަށް ބުނެ ހޯދަން އެ އުޅޭ ހައްގުތަކަކީ، އެ ބޭފުޅުންގެ ވެރިކަމުގެ އާރާއި ބާރުގައި ބޭނުން ގޮތަކަށް ކޮށާ މަށާލައި ހަނިކޮށްލާފައިވާ ހައްގުތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

Ad by Hajj Corporation
މަމްދޫހް އިތުރަށް ވިދާޅުވީ، ކުރީގެ ވެރިކަންތަކުގައި ނޫސް މަޖައްލާތައް ނެތިކޮށްލައި، ޓީވީ ސްޓޭޝަންތަކުގައި ހުޅުޖަހާފައިވާ ކަމަށެވެ. އެހެންކަމުން މިއަދު އެ ބޭފުޅުން ނުކުމެ އެ އުޅުއްވަނީ ޙައްޤެއް ގެއްލިގެން ނޫން ކަމަށާއި، ހަމައެކަނި ވެރިކަން ނުލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ގެންދާ ހެޔޮ މިސްރާބުން، 2028 ވަނަ އަހަރުގެ އިންތިޚާބުގައި ވޯޓުން ސަރުކާރު ބަލި ނުކުރެވޭނެކަން އެ ބޭފުޅުންނަށް ޔަޤީންވެފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ޤައުމު ހަމަމަގަށް އަޅުވައި، ރައްޔިތުން ބޭނުންވާ ހަމަޖެހުމާއި ތަރައްޤީ ކަށަވަރުކޮށްދޭނެކަން ޔަޤީންވުމުން، އެ ބޭފުޅުން މަސައްކަތް ކުރައްވަނީ ޤައުމު ހަލަބޮލިކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މަމްދޫހް އިތުރަށް ވިދާޅުވީ، ކުރީގެ ރައީސުން ނުކުމެ އުޅުއްވަނީ ސަރުކާރާއި ރައްޔިތުންނަށް ދުއްތުރާކޮށް، ތަރައްޤީ މަޑުޖައްސާލައި، ޤައުމުގެ ހަމަޖެހުމާއި ރައްކާތެރިކަން ނަގާލުމަށް ކަމަށެވެ.


