ބާސެލޯނާއަށް ބަދަލުވި މައްސަލައިގައި ގްރީޒްމަން އެތުލެޓިކޯގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިއްޖެ
18 މޭ 2026 - 03:35

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން، އެ ކްލަބާ ވަކިވުމުގެ ގޮތުން ބޭއްވި އަސަރުގަދަ ވަދާއީ ހަފްލާގައި، މީގެ ކުރިން ބާސެލޯނާއަށް ބަދަލުވުމަށް ނިންމި ނިންމުމަށްޓަކައި ސަޕޯޓަރުންގެ ކިބައިން މާފަށް އެދިއްޖެއެވެ. މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ބޭއްވި މި ހަފްލާގައި ގްރީޒްމަން ވަނީ އޭނާގެ ކެރިއަރުގައި އެތުލެޓިކޯއިން ލިބުނު ލޯތްބާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
2019 ވަނަ އަހަރު ބާސެލޯނާއަށް ބަދަލުވި މައްސަލައަށް އިޝާރާތް ކުރަމުން ގްރީޒްމަން ބުނީ، އެއީ އޭނާއަށް ކުރެވުނު ކުށެއް ކަމަށެވެ. "އަހަންނަށް މާފުކޮށްދިނުމަށް އަދިވެސް އެދެން. މިތަނުން އަހަންނަށް ލިބިފައިވާ ލޯތްބެއް އޭރު އިހުސާސެއް ނުކުރެވުނު. އޭރު އަހަރެން ވަރަށް ޒުވާން. އަހަންނަށް ކުށެއް ކުރެވިއްޖެ، ނަމަވެސް އެކަމާ ވިސްނާފައި އަލުން އެނބުރި އައިސް މި އުފާވެރިކަން ހޯދުމަށް އަހަރެމެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން،" ގްރީޒްމަން ބުންޏެވެ.

Ad by Hajj Corporation
މި ހަފްލާގައި ގްރީޒްމަން ވަނީ އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީއަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. ސިމިއޯނީއަކީ މި ކްލަބުގެ ހުރިހާ ކަމެއް ބަދަލުކޮށްލި ފަރާތް ކަމަށާއި، އޭނާގެ ސަބަބުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ލިބި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިހުސާސް ކުރެވުނު ކަމަށް ގްރީޒްމަން ފާހަގަކުރިއެވެ. މީގެ އިތުރުން އޭނާގެ ޓީމު މެންބަރު ކޯކޭއަކީ ކްލަބުގެ ލެޖެންޑެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
އާއިލާގެ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ގްރީޒްމަން ވަނީ އޭނާގެ އަންބަށާއި މައިންބަފައިންނަށް ޝުކުރު އަދާކޮށްފައެވެ. ބަލިވާ ދުވަސްތަކުގައި އަންހެނުން ދިން ހިތްވަރާއި، ފުޓްބޯޅަ ކުޅުމަށްޓަކައި ފްރާންސްގެ އެކި ސަރަހައްދުތަކަށް އޭނާ ގެންގޮސްދީ މައިންބަފައިން ވީ ގުރުބާނީ އޭނާ ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.
އެތުލެޓިކޯއާއެކު ލީގު ތައްޓެއް ނުވަތަ ޗެމްޕިއަންސް ލީގެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބަކީ އެއަށްވުރެ އަގުބޮޑު އެއްޗެއް ކަމަށް އޭނާ ބުންޏެވެ. "އަހަންނަށް ލީގު ތައްޓެއް ނުވަތަ ޗެމްޕިއަންސް ލީގެއް ހޯދައިނުދެވުނު، އެކަމަކު މި ލިބުނު ލޯތްބަކީ މުޅި އުމުރަށް އަހަރެން ހަނދާން ހުންނާނެ އަގުބޮޑު އެއްޗެއް،" ގްރީޒްމަން އިތުރަށް ބުންޏެވެ.
ވާހަކަ ނިންމާލަމުން ގްރީޒްމަން ވަނީ ދަނޑަށް ހާޒިރުވި ހުރިހާ ބެލެނިވެރިންނަށް ޝުކުރު އަދާކޮށްފައެވެ. އަދި އެތުލެޓިކޯއަކީ ދުނިޔޭގެ އެންމެ މޮޅު ކްލަބުކަން ކުޑަކުދިންނަށް ދަސްކޮށްދިނުމަށްޓަކައި އެކުދިން ދަނޑަށް ގެނައުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.


