logo
Bank of Maldives

Bank of Maldives

ޚަބަރު

އެބޯލާ ރާއްޖެއަށް އައުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެޗްޕީއޭ އިން ބުނެފި

އެބޯލާ ރާއްޖެއަށް އައުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެޗްޕީއޭ އިން ބުނެފި

ބައެއް ގައުމުތަކުގައި ހަލުވިކަމާއި އެކު މިހާރު ފެތުރެމުންދާ އެބޯލާ ރާއްޖެއަށް އައުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއެ އިން ބުނީ އެ ބަލިމަޑުކަން މިހާރު ވެސް ބައިނަލްއަގުވާމީ ފެންވަރުގައި ފެތުރެން ފަށާފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ކަށަވަރުކޮށްދީފައިވީ ނަމަވެސް އެބޯލާ ރާއްޖެއަށް އައުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ. އަދި އެބަލިން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަކަަމަށް ވެސް ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ބަލި ފެތުރެމުންދާ ގައުމުތަކަށް ދަތުރު ނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އާއި ޔުގެންޑާގައި ހަލުވިކަމާއެކު އެބޯލާ ބަލިމަޑުކަން ފެތުރެމުންދާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުވާންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރުވަނީ އިއުލާނުކޮށްފައެވެ.

މި ނިންމުން ނިންމާފައިވަނީ މިއީ މުޅި ދުނިޔޭގެ ސިއްހީ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ފާހަގަކުރެވޭތީއެވެ. ޑަބްލިއުއެޗްއޯ އިން ހާމަކުރި ގޮތުގައި، މި ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

އެބޯލާގެ "ބަންޑިބުގްޔޯ" ވައްތަރުން ޖެހޭ މި ބަލިމަޑުކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑީއާރުސީގެ އިޓޫރީ ޕްރޮވިންސުން އެކަނިވެސް 8 މީހަކަށް ބަލި ޖެހިފައިވާކަން ވަނީ ޔަގީންކުރެވިފައެވެ. މީގެ އިތުރުން 246 މީހަކަށް ބަލި ޖެހިފައިވާކަމަށް ޝައްކުކުރެވޭއިރު، މި ބަލީގައި މިހާތަނަށް 80 މީހަކު މަރުވެފައިވާ ކަމަށް ލަފާކުރެވެއެވެ. މި ބަލި މިހާރު ވަނީ ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް، ޔުގެންޑާގެ ވެރިރަށް ކަމްޕާލާ އަށާއި ޑީއާރުސީގެ ވެރިރަށް ކިންޝާސާއަށް ވެސް ފެތުރިފައެވެ.

މި ހާލަތަކީ "އާދަޔާ ހިލާފު" ނުރައްކާތެރި ހާލަތެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ސިފަކުރެއެވެ. އެއީ، މުޖުތަމައުގެ ތެރޭގައި ސަބަބު ނޭނގޭ މަރުތައް އިތުރުވުމާއި ބަލިޖެހޭ ކަމަށް ޝައްކުކުރެވޭ މީހުން ގިނަވެފައި، ބަލި ކޮންޓްރޯލްކުރުމުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނަށް ބަލި ޖެހެމުންދާތީ ކަމަށް ބުންޏެވެ.

އަދި ކުރީކޮޅު ހަދާ ޓެސްޓުތަކުން ބަލި ހުރިކަމަށް ދައްކާ މިންވަރު މަތިވާއިރު، ބަލި ފެތުރޭ ގޮތް ސާފުނުވުމާއި އެކަމާ ގުޅޭ މައުލޫމާތު މަދުވުމަކީ ވެސް މި ބަލީގެ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ، ބަލި ފެތުރިފައިވާ މިންވަރު މިހާރު ފެންނަން އޮތް މިންވަރަށްވުރެ މާ ބޮޑުވުން އެކަށީގެންވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި ބަލި ފެތުރުމުގެ ބިރު އިންތިހާއަށް އޮތް ކަން ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ފާހަގަކޮށްފައެވެ.

މި ބަލިމަޑުކަމަކީ އަދި "ޕެންޑަމިކް" އެއް ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ވަބާއެއްގެ ގޮތުގައި ކަނޑަނޭޅި ނަމަވެސް، ބަލި މޮނިޓަރކުރުމުގެ ނިޒާމު ވަރުގަދަކުރުމަށާއި، ބޯޑަރުތަކުގެ ރައްކާތެރިކަން އިތުރުކޮށް އަވަސް ފިޔަވަޅުތައް އެޅުމަށް ހުރިހާ ގައުމުތަކަށް ޑަބްލިއުއެޗްއޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެބޯލާ ރާއްޖެއަށް އައުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެޗްޕީއޭ އިން ބުނެފިޚަބަރު | ގަޑިއިރެއް ކުރިންރާއްޖެއިން ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެޚަބަރު | 5 ދުވަސް ކުރިންހަންޓާ ވައިރަހުގެ ރިސްކު ރާއްޖެއަށް ވަރަށް ކުޑަ: އެޗްޕީއޭޚަބަރު | 10 ދުވަސް ކުރިންއެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ޑެންގީ ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ފުރިހަމަވާނެ: އެޗްޕީއޭޚަބަރު | 11 ދުވަސް ކުރިން