ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން: ތަޖުރިބާކާރުންގެ އޮރިއެންޓޭޝަން ޑައިވެއް މިއަދު
18 މޭ 2026 - 05:37

ވ. އަތޮޅުގެ މަޝްހޫރު "މިޔަރު ޑައިވް" ސައިޓުގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ބޭރުން ރާއްޖެއައި ތަޖުރިބާކާރުން އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން އޮރިއެންޓޭޝަން ޑައިވެއް މިއަދު ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު ވިދާޅުވީ، ބޭރުގެ ތަޖުރިބާކާރުން އޮރިއެންޓޭޝަނަށް ފީނާނެ ކަމަށާއި އެބޭފުޅުންގެ އެހީތެރިންގެ ގޮތުގައި ކޯސްޓުގާޑުގެ އިތުރުން ފުލުހުންގެ ޑައިވަރުން ވެސް ހަރަކާތްތެރިވާނެ ކަމަށެވެ. ނަމަވެސް ދިވެހި ޑައިވަރުން ނުރައްކާވާ ކަމަށް ބުނާ ސަރަހައްދަށް ނުފީނާނެ ކަމަށް މުންދު ވިދާޅުވިއެވެ.

Ad by Hajj Corporation
އަދި މިއަދު ފީނުމަށް ބޭރުގެ ތަޖުރިބާކާރުން އިއްޔެ މަޝްވަރާކޮށްފައިވާ ކަމަށާއި އިއްޔެ ކޮންމެ ވެސް ވަރަކަށް ކަނޑުއަޑީގެ ޑްރޯންތައް ބޭނުންކޮށްގެން އެސަރަހައްދު ހުރި ގޮތް ނުވަތަ މެޕިންގެ މަސައްކަތް ކުރެވުނު ކަމަށެވެ.
މި އޮޕަރޭޝަނުގައި ބައިވެރިވުމަށް ރާއްޖޭން ބޭރުން އައިސްފައިވަނީ 3 ޑައިވަރުންނެވެ. އެއީ ފިންލޭންޑުގެ މިފަދަ ނުރައްކާތެރި އޮޕަރޭޝަންތަކަށް ހާއްސަ، ކޭވް ޑައިވިން ފަދަ ޑައިވިންތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާ ބޭފުޅުންނެވެ.
މުންދު ވިދާޅުވީ، އެބޭފުޅުން ރާއްޖެއައިއިރު، އިއްތިފާގުން އެބޭފުޅުންނާއެކު މަސައްކަތް ކުރައްވާ އިތުރު ޑައިވަރަކު އައްޑޫސިޓީގައި ހަރަކާތްތެރިވުމުން، އެބޭފުޅާ ވެސް މިހާރު އޮޕަރޭޝަންގައި ބައިވެރިވުމަށް އެސަރަހައްދަށް ގެންދެވިފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި އެމީހުން އިންސްޓްރަކްޓަރެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އިޓަލީގެ އިންސްޓްރަކްޓަރު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން މަރުވެފައި ތިބި ކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ހޮހަޅައިގެ އެތެރޭގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.


