ޓެކްސް އަށް މަކަރުހެދިކަމުގެ ދައުވާއިން ޝަކީރާ ސަލާމަތްވެ، އޭނާ އަށް 70 މިލިއަން ޑޮލަރު އަނބުރާ ދިނުމަށް ހުކުމެއް
18 މޭ 2026 - 12:11

ސްޕޭނުގެ ކޯޓަކުން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ މައްޗަށް ކުރި ޓެކްސް އޮޅުވާލުމުގެ ދަޢުވާ ސާބިތުނުވާ ކަމަށް ނިންމައި، އޭނާގެ އަތުން ނަގާފައިވާ 55 މިލިއަން ޔޫރޯ (64 މިލިއަން ޑޮލަރު) އަށް ވުރެ ގިނަ ފައިސާ އަނބުރާ ދިނުމަށް ސްޕޭން ސަރުކާރުގެ މައްޗަށް އަމުރުކޮށްފިއެވެ.
މެޑްރިޑްގައި ހުންނަ ހައިކޯޓުން ހޯމަ ދުވަހު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، މި މައްސަލައަކީ 2011 ވަނަ އަހަރުގެ ޓެކްސް އާ ގުޅޭގޮތުން އުފެދުނު ދަޢުވާއެކެވެ. މި ދަޢުވާ ބޭރުކޮށްލީ އެ އަހަރު ޝަކީރާއަކީ ސްޕޭނުގެ ރެސިޑެންޓެއް ނުވަތަ އެ ގައުމުގައި ދިރިއުޅޭ މީހެއްކަން ސާބިތުކޮށްދިނުމަށް ސްޕޭނުގެ ކަމާބެހޭ ފަރާތްތަކަށް ނުކުޅެދުމުންނެވެ.

Ad by Hajj Corporation
ސްޕޭނުގެ ޤާނޫނު ބުނާގޮތުން މީހަކީ އެ ގައުމުގެ ޓެކްސް ރެސިޑެންޓެއް ކަމަށް ބެލެވޭނީ އަހަރަކު 183 ދުވަހަށް ވުރެ ގިނަ ދުވަހު އެ ގައުމުގައި އުޅުމުންނެވެ. ނަމަވެސް، 2011 ވަނަ އަހަރު ޝަކީރާ ސްޕޭނުގައި ހޭދަކުރީ އެންމެ 163 ދުވަސްކަން ކޯޓަށް ސާބިތުވުމާ ގުޅިގެން، އޭނާ ދެއްކި ޓެކްސް ފައިސާ އާއި އޭގެ އިންޓްރެސްޓް އަނބުރާ ދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޝަކީރާގެ ވަކީލު ވިދާޅުވި ގޮތުގައި އިންޓްރެސްޓާ އެކު ޖުމްލަ 60 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު) ސަރުކާރުން އަނބުރާ ދައްކަން ޖެހޭނެއެވެ.
ސްޕޭނުގެ ޓެކްސް އިދާރާއިން ވަކާލާތު ކުރީ އެ ދުވަސްވަރު ޝަކީރާ އާއި ފުޓްބޯޅަ ތަރި ޖެރާޑް ޕީކޭއާ ދެމެދު އޮތް ގުޅުމުގެ ސަބަބުންނާއި، އޭނާގެ އިޤްތިޞާދީ މަސައްކަތްތައް ސްޕޭނާ ގުޅިފައިވާތީ އޭނާއަކީ ރެސިޑެންޓެއް ކަމަށެވެ. ނަމަވެސް ކޯޓުން ނިންމީ ޕީކޭއާ އޮތް ގުޅުމަކީ ކައިވެނީގެ ގުޅުމެއް ނޫން ކަމަށާއި، އޭނާގެ މައިގަނޑު އިޤްތިޞާދީ މަސައްކަތް ހިނގަނީ ސްޕޭނުގައިކަން ސާބިތު ނުވާ ކަމަށެވެ.
މި ނިންމުމާ ގުޅިގެން ޝަކީރާ ނެރުނު ބަޔާނެއްގައި ބުނީ އޭނާ ދުވަހަކުވެސް ޓެކްސްއަށް މަކަރު ހަދާފައި ނުވާނެ ކަމަށާއި، ޓެކްސް އިދާރާއަށް އެކަން ސާބިތު ނުކުރެވުނީ އެއީ ދޮގަކަށް ވާތީ ކަމަށެވެ. އޭނާގެ ވަކީލު ހޯސޭ ލުއިސް ޕްރާޑާ ވިދާޅުވީ، މިއީ އަށް އަހަރު ދުވަހުގެ ދިގު އަދި ދަތި ދަތުރެއް ކަމަށާއި، މިކަމުން ދޭހަވަނީ އިދާރީ ހިންގުމުގައި ހުރި އުނިކަންކަން ކަމަށެވެ.
މީގެ ކުރިން 2023 ވަނަ އަހަރުވެސް ޝަކީރާގެ މައްޗަށް 2012 އާއި 2014 އާ ދެމެދު 14.5 މިލިއަން ޔޫރޯގެ ޓެކްސް ނުދައްކާ އޮތް ކަމުގެ މައްސަލައެއް ފެންމަތިވިއެވެ. އެ ފަހަރު ޖަލަށް ދިޔުމުގެ ބަދަލުގައި އޭނާ ވަނީ 7.3 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ދައްކައި މައްސަލަ ނިންމާފައެވެ.
ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ސްޕޭނުގެ ޓެކްސް އިދާރާތަކުން ވަނީ މަޝްހޫރު ފުޓްބޯޅަ ތަރިން ކަމަށްވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ފަރާތްތަކާ ދެކޮޅަށްވެސް ޓެކްސްގެ މައްސަލަތަކުގައި ފިޔަވަޅު އަޅާފައެވެ.


