ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތަކެއް އުވާލައްވައިފި
18 މޭ 2026 - 13:12

ހދ. ހިރިމަރަދޫ ކައުންސިލާއި، ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކެއްގެ އިތުރުން އެ ކައުންސިލްތަކުގެ އިދާރާތައް އުވާލައްވައިފިއެވެ.
މި ނިންމެވުން ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 36/2025 އާއި، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙާ ގުޅިގެންނެވެ.

Ad by Hajj Corporation
ހިރިމަރަދޫ ކައުންސިލާއި އެ ރަށުގެ ކައުންސިލް އިދާރާ އުވާލެއްވުމަށް ނިންމެވީ، އެ ރަށުގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ކަނޑައަޅުއްވާފައިވާތީއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމުން "ލޯކަލް ކައުންސިލް އިންތިޚާބު 2026" ގައި އެ ރަށު ރައްޔިތުން ވޯޓުލފައި ވަނީ ހަނިމާދޫ އަށެވެ. ހިރިމަރަދޫ ކައުންސިލް ރަސްމީކޮށް އުވޭނީ 17 މޭ 2026 ގައެވެ.
މީގެ އިތުރުން، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙާ ގުޅިގެން، ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި އެ ކައުންސިލްތަކުގެ އިދާރާތައް ވެސް 17 މޭ 2026 އިން ފެށިގެން އުވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. މީގެ ތެރޭގައި ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހިމެނޭ 18 އަތޮޅު ކައުންސިލާއި އެ ކައުންސިލްތަކުގެ އިދާރާތައް ހިމެނެއެވެ.
މި ނިންމެވުމާއެކު، ރާއްޖޭގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.


