ޕްރީމިއަރ ލީގުގެ އެންމެ ކާމިޔާބު އެއްކޯޗު ގާޑިއޯލާ ދޫކޮށްލައި ސިޓީގެ ކޯޗުކަން މަރެސްކާ އާއި ހަވާލުކުރަނީ
19 މޭ 2026 - 04:18
.png&w=3840&q=75)
މެންޗެސްޓަރ ސިޓީގެ ކާމިޔާބު ކޯޗު ޕެޕް ގާޑިއޯލާ، އޭނާގެ ކޮންޓްރެކްޓުގައި ބާކީ އެއް އަހަރު އޮއްވައި، މި ސީޒަނުގެ ޕްރެމިއާ ލީގުގެ ފަހު މެޗަށްފަހު ކްލަބާ ވަކިވާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ. ކެޓަލޯނިއާއަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗު ވަނީ، ސިޓީއާއެކު 20 ތަށި ހޯދުމަށްފަހު މި ބާބު ނިންމާލަން ގަސްދުކުރާކަން ކްލަބާ ގާތް ބައެއް ފަރާތްތަކަށް މިހާރު އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިކަން ވަނީ ފުޓްބޯޅައިގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ ޑޭވިޑް އޮންސްޓެއިންވެސް ރިޕޯޓްކޮށްފައެވެ.
މި ނިންމުމާއެކު، ކުރިއަށް އޮތް އާދިއްތަ ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ވަރަށް ތާރީޚީ އަދި އަސަރުގަދަ މެޗަކަށެވެ. މިކަމާ ގުޅޭގޮތުން ކްލަބުން ރަސްމީކޮށް އެއްޗެއް ބުނަން ދެކޮޅު ހަދާފައިވާއިރު، މިއީ ގާޑިއޯލާ ވަކިވާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ލިބުނު އިތުރު ބާރެކެވެ.

Ad by Hajj Corporation
2016 ވަނަ އަހަރު ސިޓީއާ ހަވާލުވި ފަހުން ގާޑިއޯލާ ވަނީ އެ ކްލަބުގެ ކުޅުމުގެ ވައްޓަފާޅި މުޅިން ބަދަލުކޮށްލާފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ސިޓީން ވަނީ ގިނަ އަދަދެއްގެ ޕްރެމިއާ ލީގު ތަށިތަކާއި، ޑޮމެސްޓިކް ކަޕްތަކުގެ އިތުރުން، ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުސްމިނަށް ވާސިލްވެފައެވެ.
އެންޒޯ މަރެސްކާ ސިޓީގެ އާ ކޯޗަކަށް؟
ބްރިޓިޝް މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ގާޑިއޯލާގެ ބަދަލުގައި ސިޓީއާ ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އިޓަލީގެ ކޯޗު އެންޒޯ މަރެސްކާއެވެ. މައުލޫމާތު ލިބޭގޮތުގައި މަރެސްކާ ވަނީ މީގެ މަސްތަކެއް ކުރިން ސިޓީގެ ޕްރޮޖެކްޓާ ހަވާލުވުމަށް އެއްބަސްވެފައެވެ. ނަމަވެސް މިހާތަނަށް ރަސްމީ އެއްބަސްވުމެއްގައި ސޮއިކުރިކަން ހާމަކޮށްފައެއް ނުވެއެވެ.
މި ޚަބަރު ކުރިއަށް އޮތް ދުވަސްތަކުގައި ކަށަވަރުވެއްޖެނަމަ، އެއީ މެންޗެސްޓަރ ސިޓީގެ ޒަމާނީ ތާރީޚުގައި ފެނިގެންދިޔަ އެންމެ ކާމިޔާބު ދައުރުގެ ނިމުމެވެ. ގާޑިއޯލާ ދޫކޮށްދާނީ އިނގިރޭސި ފުޓްބޯޅައިގައި ފަސޭހައިން މުގުރާނުލެވޭނެ ފަދަ ވަރުގަދަ ތާރީޚެކެވެ.


