ކަނޑުމަހުން ނަގާ ޑިއުޓީ ދެ އަހަރަށް ކަނޑާލަން އިނގިރޭސި ވިލާތުން ނިންމައިފި
20 މޭ 2026 - 11:03

ރާއްޖޭގެ ކަނޑުމަހުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ސަސްޕެންޑް ކުރަން އިނގިރޭސި ވިލާތުން ނިންމައިފި އެވެ.
އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތަކުން އިނގިރޭސި ވިލާތުން ނަގަމުންދާ ޓެރިފް ކަނޑާލުމަށް އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވާ ކަމަށެވެ.

Ad by Hajj Corporation
އަދި މިއީ ދިވެހިރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް ގާތް ގުޅުމާއި ދެމެހެއްޓެނިވި ވިޔަފާރިއަށާއި އިގްތިސާދީ ގުޅުން ވަރުގަދަކުރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ދެމެހެއްޓެނިވި އަދި ޒިންމާދާރު މަސްވެރިކަމުގެ އުސޫލުތަކަށް އިސްކަންދޭ، ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ނަމޫނާ މަސްވެރިކަމެއް ކުރާ ގައުމެއް ކަމަށެވެ.
"މިއީ އިނގިރޭސި ވިލާތުގެ ކަސްޓަމަރުންނަށް ލިބޭނެ ލުޔެއްގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް. މީގެ ސަބަބުން މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި ކަނޑުމަހުގެ ބާވަތްތަކަށް އިނގިރޭސި ވިލާތުގެ ބާޒާރުގައި ފުޅާ ފުރުސަތުތަކެއް ފަހިވެގެންދާނެ،" ރައީސް ޑރ.މުހައްމަދު މުއިއްޒު
ރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 20 ޕަސެންޓް ނަގަމުންދާތީ މަހުގެ އަގުބޮޑުވުމުގެ ޝަކުވާ ދިވެހި މަސްވެރިން ކުރަމުންދާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.
އެ ޑިއުޓީ ކަނޑާލަން އިނގިރޭސި ވިލާތާ އެކު ރާއްޖޭގެ އެކި ސަރުކާރުތަކުން މަޝްވަރާ ކުރަމުންދާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެކި ފެންވަރުގައި އެ މަޝްވަރާތައް ކޮށްފައިވީ ނަމަވެސް މިހާތަނަށް ކުރިއެރުމެއް ނެތެވެ.
އެކަމަކު، އިނގިރޭސި ވިލާތުގެ ނިންމުން މި ވަގުތަށް ބަދަލުކޮށް، ރާއްޖޭގެ ކަނޑުމަހުން ނަގާ ޑިއުޓީ ސަސްޕެންޑްކުރަން ކަނޑައެޅީ 2028 ވަނަ އަހަރާ ހަމައަށެވެ.


