މަހުދީގެ މަރު: ފުލުހުންގެ ހާއްސަ ތަހުގީގެއް ކުރިއަށް!
20 މޭ 2026 - 16:30

ވ. އަތޮޅުގައި ޑައިވް ކުރަނިކޮށް ގެއްލުނު ހަތަރު ފަތުރުވެރިން ހޯދުމުގެ ސާޗް އެންޑް ރިކަވަރ އޮޕަރޭޝަންގައި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވި ހާދިސާ ހިނގަން މެދުވެރިވި ގޮތް ކަށަވަރުކުރުމުގެ ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ސާޗް އެންޑް ރިކަވަރ އޮޕަރޭޝަންގައި އުޅެނިކޮށް މަހުދީ ނިޔާވީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
މަހުދީ ނިޔާވީ އޮޕަރޭޝަންގައި އުޅެނިކޮށް ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މަހުދީއަކީ އެމްއެންޑީއެފް ކޯސްޓްގާޑުގައި ހުރި އެންމެ ހުނަރުވެރި އެންމެ ގާބިލު އެއް ޑައިވަރެވެ.

Ad by Hajj Corporation
މަހުދީ ނިޔާވި ހާދިސާ ހިނގަން މެދުވެރިވި ގޮތް ބަލަން ފަށާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވާއިރު އިތުރު ތަފުސީލެއް ހާމަކޮށްފައިނުވެއެވެ.
އިޓަލީގެ ފަސް ޑައިވަރުން ގެއްލުނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އޭގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެ ދުވަހު ފެނުނީ ކަނޑުގެ ގާތްގަނޑަކަށް 60 މީޓަރު އަޑިން ހޮހަޅައެއްގެ ތެރެއިން ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެއެވެ.
ބާކީ ތިބި ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު އިއްޔެ ނަގާފައިވާއިރު މިއަދު ވަނީ ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާފައެވެ.


