ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި މިހާރު ބެލެނިވެރިނަށް ފްލެޓަށް ހުށަހެޅޭނެ
21 މޭ 2026 - 05:23

ޙާއްޞަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރި ފަރާތުން ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން މި ކެޓަގަރީގެ ފޯމަށް ބަދަލުގެނެސް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖޫން 2026 ގެ 23:59 އެވެ.

Ad by Hajj Corporation
އެ މިނިސްޓްރީން ބުނީ،ސްކީމަށް ގެނެވުނު ބަދަލާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހަޅަން އެދޭ، ނަމަވެސް ފޯމު ފުރުމަށް ދަތިވާ ފަރާތްތަކާއި ބޯހިޔާވަހިކަމެއްގެ ޒިންމާ އުފުލުމަށް އުނދަގޫ ފަރާތްތަކާއި 18 އަހަރު ފުރިފައިނުވާ، ފަރާތްތަކުގެ ބަދަލުގައި އެޕްލިކޭޝަން ހުށަހެޅޭނީ އެފަރާތުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އެންސްޕާ ގައި ރަޖިސްޓަރީވެފައިވާ ފަރާތަށް ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚާއްޞަ ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅުމުގެ ޝަރުތުތައް:
- ޤާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށްވުން
- މާލީ ހާލަތު ހުރިގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެން ދަތިވެފައިވާ ނުވަތަ ބޭސްފަރުވާއަށް ނޫނީ ޒަރޫރީ ބޭނުމަށް މާލެ ސަރަހައްދަށް އަންނަންޖެހޭ ފަރާތްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަހައްދުން މަދުވެގެން 1 އަހަރު ދުވަހު ފަރުވާ ހޯދާފައިވާ ނުވަތަ މާލެ ސަރަހައްދުގައި މެދުނުކެނޑި 5 އަހަރު ދިރިއުޅެފައިވާ ފަރާތަކަށްވުން
ނުކުޅެދުންތެރިކަމުގެ ސަބަބުން ބޭސްފަރުވާއަށް ގްރޭޓަރ މާލެ ސަރަހައްދަށް ގަވާއިދުން އަންނަންޖެހިފައިވާ ފަރާތްތަކަށް މި ސްކީމަށް ކުރިމަތިލެވޭނެ ކަމަށާއި،އެހެންނަމަވެސް ދިރިއުޅޭ ރަށުން އެކަމަކަށް ފަރުވާ ލިބޭނަމަ މި ސްކީމަށް ޝަރުތު ހަމައެއް ނުވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.


