ފިންލޭންޑުގެ މާހިރުންގެ ލަފާކުރުން: އިޓަލީގެ ފަތުރުވެރިން މަރުވީ "ވެލި ފާރުގެ ކުށްހީއެއްގެ" ސަބަބުންކަމަށް ވެދާނެ
22 މޭ 2026 - 10:10

ވ. އަތޮޅު "ތިންވަަނަ ކަނޑު" ފަޅުތެރޭގައި އޮންނަ ފުން ހޮހަޅައަކަށް ފީނަން އުޅުމުގެ ތެރޭގައި އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާއަކީ، ހޮހަޅައިން ނުކުންނަން އުޅުމުގެ ތެރޭގައި "ވެލި ފާރެއްގެ ކުށްހީއެއް" (sand wall illusion) ކުރެވި، މަގު އޮޅުމުގެ ސަބަބުން ދިމާވި ހާދިސާއެއް ކަމަށް މިކަމުގައި ހަރަކާތްތެރިވި ފިންލޭންޑުގެ މާހިރުންގެ ޓީމަކުން ބުނެފިއެވެ.
14 މެއިގައި ހިނގި މި ހާދިސާގައި އަލިމަތާ ކައިރީގައި ހުންނަ މި ހޮހަޅައަށް ވަން ފަސް މީހުން މަރުވެފައިވަނީ ހޮހަޅައިގެ ތެރޭގައި ތާށިވެގެންނެވެ. މީގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑު ހާދިސާ ހިނގި ދުވަހު ފެނުނު ނަމަވެސް، އަނެއް ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ 165 ފޫޓު އަޑީގައި އޮންނަ އެންމެ އެތެރޭގެ ކޮޓަރިންނެވެ.

Ad by Hajj Corporation
ޑައިވަރުންގެ ސަލާމަތާއި ސިއްހަތަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ 'ޑޭން ޔޫރަޕް' (DAN Europe) އަށް މަސައްކަތްކުރާ ފިންލޭންޑުގެ ރެކަވަރީ ޓީމުން ބުނާ ގޮތުގައި، މި ޑައިވަރުންނަށް މަގު އޮޅުނީ ހޮހަޅައިގެ ތެރޭގައި އޮންނަ ވެލިގަނޑެއްގެ ސަބަބުންނެވެ. އެ ޓީމުން ތަހުގީގަށް ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި، ހޮހަޅައަށް ވަންނައިރު މި ވެލިގަނޑު ހުރަސްކުރަން ފަސޭހަ ނަމަވެސް، އެނބުރި ނުކުންނަން އުޅޭއިރު އެއީ ބަންދުވެފައިވާ ފާރެއްގެ ގޮތުގައި ފެނުމުގެ ފުރުސަތު ބޮޑެވެ. މި ސަބަބާހުރެ، އަސްލު ނުކުންނަން އޮތް މަގުގެ ބަދަލުގައި، އޭގެ ކައިރީގައި އޮތް ބަންދު ކޮރިޑޯއަކަށް އެމީހުންނަށް ވަދެވުނީ ކަމަށް ބެލެވޭކަމަށް ފިންލެންޑްގެ މާހިރުން ވަނީ ބުނެފައެވެ.
"އެތަނަކުން ނުކުމެވޭނެ އެއްވެސް ގޮތެއް ނެތް،" ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ފުންމިނުގައި އާދައިގެ ސިލިންޑަރު ބޭނުންކޮށްގެން ތިބެވޭނީ ގިނަވެގެން 10 ވަރަކަށް މިނެޓުގައެވެ. މަގު އޮޅި، އޮކްސިޖަން މަދުވާން ފެށުމުން ހާސްވެ، ނޭވާލާ މިންވަރު އަވަސްވުމަކީ މިފަދަ ހާދިސާތަކުގައި ފުރާނަ ދިއުމަށް މެދުވެރިވާ ސަބަބެކެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިޓަލީގެ މަޝްހޫރު މެރިން ބަޔޮލޮޖިސްޓެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 22 އަހަރުގެ ދަރިފުޅު ޖޯޖިއާ ސޮމަކާލްގެ އިތުރުން ދެ ދިރާސާވެރިން ހިމެނެއެވެ.
މި ހާދިސާ ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގަވާއިދުތަކާ ހިލާފަށް އެހާ ފުނަށް ފީނަން އެމީހުން ދިޔައީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. ރާއްޖޭގައި ފަތުރުވެރިންނަށް ފީނޭނީ އެންމެ ފުންވެގެން 98 ފޫޓަށެވެ. ނަމަވެސް މި ޓީމު ވަނީ 200 ފޫޓާ ގާތްކުރާ މިންވަރަށް ފުނަށް ގޮސްފައެވެ.
މި ހާދިސާގައި ހަށިގަނޑުތައް ނެރުމުގެ މަސައްކަތުގައި އުޅުނު އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ސާޖަންޓް މޭޖަރ މުޙައްމަދު މަހުދީ ވެސް ވަނީ ޑީކޯވެގެން މަރުވެފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ޑައިވިން ހާދިސާއެވެ.
މިހާރު ހޯދިފައިވާ ގޯޕްރޯ (GoPro) ކެމެރާތަކުގެ ފުޓޭޖުތަކުން މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އިތުރަށް ސާފުވާނެ ކަމަށް އުންމީދު ކުރެވެއެވެ. އިޓަލީގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހަށިގަނޑުތައް އެ ގައުމަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.


