އާދަމް ޢަލީ ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ
22 މޭ 2026 - 15:51

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މުލީއާގެއާއި ހިލާލީގޭގައި ދިގު މުއްދަތަކަށް މަސައްކަތްކުރައްވާފައިވާ ވ.ކަނި، އާދަމް ޢަލީ ނިޔާވުމުން އޭނާގެ އާޢިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަޢުޒިޔާ ދަންނަވައިިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާދަމް ޢަލީއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މުލީއާގެއާއި ހިލާލީގޭގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ، ވަފާތެރިކަމާއެކު ވަޒީފާގެ ވާޖިބުތައް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އާދަމް ޢަލީ ޚިދުމަތް ކުރެއްވި ކޮންމެ ރައީސެއް އަދި ނައިބު ރައީސެއްގެ ލޯބިވެސް ހޯއްދެވި ހަރުދަނާ ޝަޚްޞިއްޔަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ދަޢުލަތަށް 44 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އާދަމް ޢަލީއަށް ވަނީ، ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ. ރައީސް ވަނީ، 44 އަހަރަށްވުރެ ދިގު މުއްދަތުގެ ޚިދުމަތްތެރިޔާ ނިޔާވުމުގެ ހިތާމައިގައި، އެ ޢާއިލާއަށް އަދި އެކުގައި ވަޒީފާ އަދާކުރެއްވި ހުރިހާ ބޭފުޅުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.
ރައީސް ވަނީ، މަރްޙޫމް އާދަމް ޢަލީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށާއި، މާތްﷲގެ ތަނަވަސް ރަޙްމަތާއި ނިޢުމަތުގައި ތާއަބަދު ލެހެއްޓެވުން އެދި ދުޢާ ދަންނަވާފައެވެ.
އާދަމް ޢަލީ ނިޔާވެފައިވަނީ، އުމުރުން 62 އަހަރުގައި ސްރީލަންކާގައެވެ.


