ސޯބެއަށް ދިހަ އަހަރަށްވުރެ ގިނަ ދުވަސްވިއިރު ކަމެއް ނުކޮށްދެވުން، ރައްޔިތުންނަށް މިވަރުން ފުދިއްޖެ: މިނިސްޓަރު ޝިޔާމް
24 މޭ 2026 - 07:13

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަޙްމަދު ސަޢީދު (ސޯޑާ) ގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް، ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ، މޭޔަރުކަމުގެ މަޤާމުގައި ސޯބެ ހޭދަކުރެއްވި ދިހަ އަހަރަށްވުރެ ދިގު މުއްދަތަކީ ރައްޔިތުންނަށް ފުދޭވަރުގެ މުއްދަތެއް ކަމަށާއި، އޭނާއަށް "ދެން ފުދިއްޖެ" ކަމަށް ރައްޔިތުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެމްޑީޕީން ކެންޑިޑޭޓަކު ނެރޭނަމަ، އެއީ އައު މޫނަކަށް ވާންޖެހޭނެ ކަމަށް ރައްޔިތުން ޤަބޫލުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
ޝިޔާމް އިތުރަށް ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީގެ ރައްޔިތުން ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލަށް އެމްޑީޕީގެ މެންބަރުން އިންތިޚާބުކުރީ ފޮނި އުންމީދުތަކަކާއެކު ނަމަވެސް، އެ އުންމީދުތައް ޙަޤީޤަތަކަށް ވެފައެއް ނުވެއެވެ. އަދި 2021 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި މިހާރުގެ މޭޔަރު ޢަލީ ނިޒާރު އަތުން ސޯބެ ބަލިވުމަކީ، ޚުދު އެ ޕާޓީގެ މެންބަރުންވެސް އޭނާއަށް އޮތް އިތުބާރު ގެއްލިފައިވާކަމުގެ ހެތްކެއް ކަމަށް ޝިޔާމް ސިފަކުރެއްވިއެވެ.
ފާއިތުވި ދުވަސްތަކުގައި މުޅި އައްޑޫ ސިޓީ އޮތީ ތަރައްޤީއަށް ފެންބޮވައިގަނެ، އިހުމާލުކުރެވިފައި ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ދާއިރާގެ ތަރައްޤީއަށް ސޯބެގެ ފަރާތުން އެދެވޭ މަސައްކަތެއް ފެނިފައިނުވާކަން ރައްޔިތުންނަށް މިހާރު ތަޖުރިބާކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބުގައި ޢަބްދުﷲ ޞާދިޤަށް "ނޫނެކޭ" ބުނުމަށް އޭނާ ދާއިރާގެ ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) ގެ މެންބަރުކަމުގެ ޝަރުތު އުނިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް 12 ގައި ކުރި ޙުކުމާ ގުޅިގެންނެވެ.
ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައި ސޯބެގެ އިތުރުން، ސިނާންގެ ނަން އަނބުރާ ގެންދެވުމާ ގުޅިގެން ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރެއްވި އަޙްމަދު ސަޢީދު (ސޯޑާ) އެވެ.


