ރާއްޖޭގެ އީދު ހަރަކާތްތައް ވިޒިޓް މޯލްޑިވްސްއިން ދުނިޔެއަށް ދައްކާލަނީ!
24 މޭ 2026 - 12:49

މި އަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް، ދިވެހިރާއްޖޭގެ އީދުގެ ފޯރިއާއި، ކުލަގަދަ ސަޤާފީ ހަރަކާތްތައް ދުނިޔެއަށް ދައްކާލުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ތައްޔާރުވެއްޖެއެވެ.
މެއި މަހުގެ 26 އިން 30 ގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތްތައް ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ވެބްސައިޓް މެދުވެރިކޮށް ބައިނަލްއަޤުވާމީ މުޖުތަމައަށް ގެނެސްދޭނެއެވެ.

Ad by Hajj Corporation
މި ހަރަކާތްތައް ކަވަރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްގެ ބޮޑު ޓީމެއް ރ. މީދޫގައި ހަރަކާތްތެރިވަމުންދާނެއެވެ. ވީއެމްސީން ބުނިގޮތުގައި މި ހަރަކާތުގެ މައިގަނޑު މަޤުސަދަކީ ރާއްޖެއަކީ ހަމައެކަނި މަތީ ފަންތީގެ ފަތުރުވެރިކަމަށް މަޝްހޫރު ތަނެއްގެ އިތުރުން، މުއްސަނދި ސަޤާފަތަކާއި އަމިއްލަވަންތަ އާދަކާދަތަކެއް އޮތް ޤައުމެއްކަން ހާމަކޮށްދިނުން ކަމަށެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކަވަރޭޖުގައި ރަށުގެ ޢީދު ފޯރިއާއި، އާދަކާދަތައް ވީޑިއޯ ރިޕޯޓްތަކާއި ސޯޝަލް މީޑިއާ ޕޯސްޓުތަކުގެ އެހީގައި ގެނެސްދޭނެއެވެ.
މި ހަރަކާތުގެ ތެރެއިން ވެދުމާ ދިއުން، ބޮޑުމަސް ބޭނުން، މާލި އަދި ކޯޑި ކެނޑުން ފަދަ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ސަޤާފީ ކުޅިވަރުތައް ދައްކާލާނެއެވެ. މީގެ އިތުރުން ރ. މީދޫއަށް ޚާއްޞަ ޢީދު ހަރަކާތްތައްވެސް މި ކަވަރޭޖުގެ ތެރެއިން ހިއްސާކުރާނެއެވެ. މިއީ ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމާއި މުޖުތަމައުގެ ބަދަހިކަން ދައްކުވައިދީ، ފަތުރުވެރިކަމުގެ ތަޖުރިބާއާއި ދިވެހި ސަޤާފަތް ގުޅުވާލުމަށް ކުރާ މުހިންމު މަސައްކަތެކެވެ.
ވީއެމްސީން ބުނީ ދުވަހުން ދުވަހަށް ގެނެސްދޭ ކަވަރޭޖަށްފަހު، މީދޫގެ ޢީދު ހަރަކާތްތަކާ ގުޅޭ ޚާއްޞަ ޑޮކިއުމެންޓަރީތަކާއި އިންޓަވިއުތައް ޖޫން މަހުން ފެށިގެން ވިޒިޓް މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލުން ފެންނާނެ ކަމަށެވެ.


