ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރަކަށް ޔާސިރު
27 އޯގަސްޓު 2026 - 07:07

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޢަބްދުﷲ ޔާސިރު އައްޔަންކުރައްވައިފި އެވެ.
ޔާސިރު މި މަގާމަށް އައްޔަންކޮށްފައި މިވަނީ ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔާސިރަކީ ފަތުރުވެރިކަމާއި، ހޮސްޕިޓާލިޓީ، ކޯޕަރޭޓް މެނޭޖްމަންޓް، އިންވެސްޓްމަންޓް އަދި ޑެސްޓިނޭޝަން ޑިވެލޮޕްމަންޓްގެ ދާއިރާއިން 25 އަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގެ އިތުރުން ލަގްޒަރީ ހޮސްޕިޓާލިޓީ ބޯޑުތަކުގައާއި އަމިއްލަ ވިޔަފާރިތަކުގެ ލީޑަޝިޕްގައިވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

Ad by Hajj Corporation
ފަތުރުވެރިކަމުގެ ދާއިރާގައި 1993 ވަނަ އަހަރު މަސައްކަތް ފެއްޓެވި ޔާސިރު ވަނީ ޖެނެރަލް މެނޭޖަރު، އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަދި ފްރަންޓް އޮފީސް މެނޭޖަރު ފަދަ އޮޕަރޭޝަނަލް އަދި މެނޭޖްމަންޓުގެ އެކި މަގާމުތައް ފުރުއްވާފައެވެ. އެގޮތުން 2002 އިން 2008 އަށް ވަން އެންޑް އޮންލީ ކަނުހުރާގެ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވައި، އެ ރިސޯޓުގެ ސްޓްރެޓެޖިކް ޕްލޭނިންގ އަދި ގަވަނަންސްގައި މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން ސުޕަރސަޕްލައި އެންޑް ވޯޓާމާކްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އޭނާ ގެންދެވީ ފުރުއްވަމުންނެވެ.
ޔާސިރު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ބާމިންހަމްއިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަ އޮފް އާޓްސް އަދި ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ބިޒްނަސް މެނޭޖްމަންޓުން ބެޗްލަ އޮފް އާޓްސް ހާސިލުކުރައްވާފަ އެވެ.

-01.jpg&w=3840&q=75)
