ރައީސުލްޖުމްހޫރިއްޔާ، އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
25 މޭ 2026 - 10:35
.jpg&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރަސްގެފާނު ޢަބްދުالله ދެވަނަ އިބްނު އަލް ޙުސައިންއަށާއި، ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ޑިފެންސް، ޑޮކްޓަރ ޖައުފަރު ޙަސަންއަށް، ތަހުނިޔާ ފޮނުއްވައިފިއެވެ.
އުރުދުންގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެޤައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިޚުލާސްތެރިކަމާއެކު އުރުދުންގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެޤައުމުގެ މެދުގައި އޮތް އަޚްވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.

Ad by Hajj Corporation
ބޮޑުވަޒީރު ޑޮކްޓަރ ޖައުފަރު ޙަސަންއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު ދުވަހުގެ ތަހުނިޔާ، ދަންނަވާފައިވެއެވެ. އަދި، ދެޤައުމުގެ މެދުގައި އޮތް އަޚްވަންތަކަމުގެ ގުޅުމަކީ އެއްބަސްވެވޭ އުޞޫލުތަކާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ އުރުދުންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައިވެސް ތަހުނިޔާގެ މެސެޖެއް ޙިއްޞާކުރައްވައިފައެވެ. އެެމެސެޖުގައި، ދެޤައުމުގެ ގުޅުމަކީ ދީނާ، އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ދެމިގެންދާ ގުޅުމެއްކަން ފާހަގަކުރައްވައި، މަޝްވަރާއާއި އެހީތެރިކަމުގެ ތެރެއިން މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.
ކޮންމެ އަހަރަކުވެސް މޭ މަހުގެ 25 ވަނަ ދުވަސް، އުރުދުންގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ މޭ 23، 1946 ވަނަ އަހަރު އިނގިރޭސިންގެ ޙިމާޔަތުން މިނިވަންކަން ލިބުނުދުވަހާއި ގުޅުވައިގެންނެވެ.


