އެތައް އަހަރެއް ފަހުން ކުޅުނު ފުނަދޫ އާއި ކެނދިކުޅުދޫގެ މަންޑި މެޗު ދިވެހި ސަގާފީ ކުޅިވަރުގެ ތާރީޚުގެ ތެރެއަށް
25 މޭ 2026 - 12:03

މަންޑި އަކީ ދިވެހިންގެ ތެރޭގައި ވަރަށް ކުރީއްސުރެ ކުޅެވެމުން އަންނަ، ފޯރިގަދަ ސަގާފީ ކުޅިވަރެކެވެ. މި ކުޅިވަރުގެ ފޯރި ކެނޑިފައި ވަނިކޮށް ށ. ފުނަދޫ އާއި ނ. ކެނދިކުޅުދޫގެ މެދުގައި މިވަނީ ފޯރިގަދަ މަންޑި މެޗެއް ކުޅެ ތާރީޚުން ޖާގަ ހޯދާފައެވެ. މިއީ އެތައް ދުވަހެއްފަހުން ކުޅެވުނު މިފަދަ ފޯރިގަދަ މަންޑި މެޗެވެ.
ފުނަދޫ އާއި ކެނދިކުޅުދޫގެ ތާރީޚީ މެޗު

Ad by Hajj Corporation
ދިވެހިރާއްޖޭގެ ސަގާފީ ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ފަދަ މުހިންމު މަންޑި މެޗެއް ށ. ފުނަދޫގައި ކުޅެފައިވާއިރު، އެ މެޗު ކާމިޔާބުކުރީ ފުނަދޫގެ "އަރުމަތާ ޕްރޯ" ޓީމުންނެވެ.
ތާރީޚީ މަންޑި މެޗުގައި ފުނަދޫ ކުޅުންތެރިޔަކު ކުޅެނީ، ފޮޓޯ: ފަރު ފުނަ ސްޕޯޓްސް
އެތައް އަހަރެއްގެ މެދުކެނޑުމަކަށްފަހު، ރަށު ފެންވަރުގައި މިހާ ވާދަވެރިކޮށް ކުޅެވުނު މި ތާރީޚީ މެޗުގައި ބައްދަލުކުރީ ށ. ފުނަދޫ އާއި ނ. ކެނދިކުޅުދޫގެ ޓީމެވެ. ފޯރިގަދަ ކުޅުމަކަށްފަހު މި މެޗު ފުނަދޫގެ އަރުމަތާ ޕްރޯ ޓީމުން ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ. މި ކާމިޔާބީއާއެކު، އަރުމަތާ ޕްރޯ ޓީމު ވެގެން ގޮސްފައިވަނީ މުޅި އުތުރުގެވެސް އެންމެ ވަރުގަދަ މަންޑި ޓީމަށެވެ.
މަންޑި މެޗަށްފަހު ދެ ޓީމު ހަނދާނީ ހަދިޔާ ބަދަލުކުރަނީ، ފޮޓޯ: ފަރު ފުނަ ސްޕޯޓްސް
މި މެޗަކީ ކުރިއަށް އޮތް ބޮޑު އީދުގައި ފުނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މަންޑި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އެ މުބާރާތުގައި ވާދަކުރާ އަދި ފުނަދޫގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާ "އަރުމަތާ ޕްރޯ" އިން އިސްނަގައިގެން އިންތިޒާމު ކުރި މެޗެކެވެ.
މަންޑި މެޗުގައި ކެނދިކުޅުދޫ ކުޅުންތެރިޔަކު، ފޮޓޯ: ފަރު ފުނަ ސްޕޯޓްސް
ދިވެހި ސަގާފަތް ދިރުވުމަށްޓަކައި ށ. ފުނަދޫގެ އަރުމަތާ ޕްރޯ ޓީމާއި، ނ. ކެނދިކުޅުދޫ ޓީމުގެ އިތުރުން މިކަމުގައި އިސްނެންގެވި ހުރިހާ ފަރާތްތަކުން ކުރެއްވި މަސައްކަތަކީ އަންނަން އޮތް ޖީލުތަކަށް މިފަދަ ކުޅިވަރުތައް ފޯރުކޮށްދިނުމަށް ކުރެވުނު އަގުހުރި މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
ތާރީޚީ މަންޑި މެޗު ކުޅުނު ފުނަދޫ އާއި ކެނދިކުޅުދޫގެ ޓީމު
މަންޑި
މަންޑި އަކީ އާންމުކޮށް ރަށްރަށުގެ ހުސްބިންތަކުގައާއި އަތިރިމަތީގައި ކުޅޭ ކުޅިވަރެކެވެ. މަންޑި ކުޅުމަށް ބޭނުންވަނީ މައިގަނޑު ދެ ދަނޑިބުރިއެވެ. އެއީ ގާތްގަނޑަކަށް ދެ ފޫޓު ހުންނަ ދިގު ދަނޑިއަކާއި (މީތި ކިޔަނީ މަންޑި)، ގާތްގަނޑަކަށް ހަ އިންޗި ނުވަތަ ނުވަ އިންޗި ހުންނަ ކުރު ދަނޑިބުރިއެކެވެ (މީތި ކިޔަނީ ފިިިރި ނުވަތަ ގުއްލި).
މި ކުޅިވަރު ކުޅުމަށްޓަކައި ބިމުގައި ކުޑަ ވަޅެއް ކޮނެއެވެ. މި ވަޅުގެ ހުރަހަށް ކުރު ދަނޑިބުރި ބޭއްވުމަށްފަހު، ދިގު ދަނޑިބުރިން އެ ދަނޑިބުރި މައްޗަށް އެއްލައި، ވައިގެ ތެރޭގައި ހުއްޓާ އެއަށް ބާރަށް ޖަހައި ދުރަށް ފޮނުވާލަން ޖެހެއެވެ. މަންޑި އަކީ ދެ ޓީމަކަށް ބަހާލައިގެން ކުޅޭ ކުޅިވަރެކެވެ. އެއް ޓީމަކުން މަންޑި ޖަހާއިރު، އަނެއް ޓީމުގެ މީހުން ތިބޭނީ އެ ދަނޑިބުރި ހިފުމަށް ނުވަތަ ހުއްޓުވުމަށް ތައްޔާރަށެވެ. މަންޑި ޖެހުމުން އެ ދަނޑިބުރި ވެއްޓުނު ތަނަކުން ފެށިގެން ވަޅާ ހަމައަށް ދިގު ދަނޑިބުރިން މިނެއެވެ. މިނައިގެން ލިބޭ އަދަދަކީ އެ ޓީމަށް ލިބޭ ޕޮއިންޓެވެ.
އާންމުކޮށް މަންޑި ކުޅެނީ ފިތުރު އީދާއި އަޟްޙާ އީދު ފަދަ އުފާވެރި މުނާސަބަތުތަކުގައެވެ. މި ކުޅިވަރަކީ ދިވެހި ސަގާފަތުގެ ތެރެއިން އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކޮށްދޭ ކަމެކެވެ.
މިއަދުގެ ދުނިޔޭގައި މިފަދަ ސަގާފީ ކުޅިވަރުތައް ފެންނަނީ މަދުުން ނަމަވެސް، އީދު ފަދަ ދުވަސްވަރު ރަށްރަށުގައި އަދިވެސް މި ކުޅިވަރު ކުޅެއެވެ. އެހެންކަމުން ފުނަދޫ އާއި ކެނދިކުޅުދޫގެ މި އިސްނެގުމަކީ ދިވެހި ސަގާފީ ކުޅިވަރުގެ ތެރެއިން އިޖުތިމާއީ ގުޅުން ވަރުގަދަކޮށް އެއްބައިވަންތަ ގައުމިއްޔަތެއް ބިނާކުރުމަށް ފެށި މުހިންމު މަސައްކަތެއްކަމާމެދު ޝައްކެތް ނެތެވެ.


