މިރޭ ފަތިސްވާން ވާއިރަށް ހުރިހާ ހައްޖުވެރިންނަށް އަރަފާތު ބިމަށް ދެވޭނެ: ހައްޖު ކޯޕަރޭޝަން
25 މޭ 2026 - 15:24

މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަމުގައި ރާއްޖެއިން ދިޔަ ހުރިހާ ހައްޖުވެރިން، މިރޭ ފަތިސްވާން ވާއިރަށް އަރަފާތު ބިމަށް ގޮސް ނިމޭނެ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވީ، މައްކާ ގަޑިން ރޭ ފަތިހު 05:00 ޖެހިއިރު ހުރިހާ ހައްޖުވެރިން މިނާގެ ޓެންޓުތަކަށް ވަދެ ނިމިފައިވާ ކަމަށެވެ. އަދި ހައްޖުވެރިން މިނާއަށް ދިޔައިރު، ހުރިހާ އިންތިޒާމުތަކެއް ވެސް ފުރިހަމައަށް ރޭވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
ހައްޖުވެރިންގެ ހާލަތާ ގުޅޭގޮތުން ޝަކީލް ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ހޫނުމިން މިދުވަސްވަރު ގަދަ ނަމަވެސް، ޖުމްލަގޮތެއްގައި ހުރިހާ ހާޖީންގެ ހާލުވެސް ވަރަށް ރަނގަޅު ކަމަށެވެ.
ކުރިއަށް ހުރި އިންތިޒާމުތަކަށް ބަލާއިރު، މިރޭ މައްކާ ގަޑިން 09:00 ގައި ހައްޖުވެރިން އަރަފާތު ބިމަށް ދިއުމަށް ދަތުރު ފަށާނެއެވެ. ޝަކީލް ވިދާޅުވި ގޮތުގައި، ފާއިތުވި ފަސް ދުވަހު ހައްޖު ކޯޕަރޭޝަންގެ ޓީމުން ވަނީ މި އިންތިޒާމުތައް އެންމެ ފުރިހަމައަށް ހަމަޖެއްސުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.
އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ ރުކުންތަކުގެ ތެރެއިން އެންމެ މުހިއްމު ރުކުނެވެ. މާތް ނަބިއްޔާ ﷺ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ "ހައްޖަކީ އަރަފާތެވެ." އެހެންކަމުން، މި މުހިއްމު ރުކުން އަދާކުރުމަށް ހައްޖުވެރިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މެނޭޖިންގ ޑިރެކްޓަރ ވަނީ މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުންދާ ހުރިހާ ދިވެހި ހައްޖުވެރިންނަށް މަބްރޫރު ހައްޖެއް މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވާފައެވެ.


