ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރިކުރި ދެމީހުން ހައްޔަރުކޮށްފި
26 މޭ 2026 - 11:58

ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ އެމްޑީ ފަޒްލީ ރަބީ (25އ) އާއި، އެމްޑީ ޝަހަޖަން ސަވަލް (36އ) އެވެ.

Ad by Hajj Corporation
ފުލުހުން ބުނިގޮތުގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ ސަފާރީއެއް ބަލައިފާސްކޮށްފައެވެ.
މި މެއި މަހުގެ 24 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް އެ ސަފާރީ ބަލައިފާސްކުރިއިރު 207 ފުޅި ބަނގުރަލާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (ވަގުތީ ބަރުދަން4.43 ގުރާމް) ފެނިފައިވެއެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ފައިސާއާއި ޔޫއެސް ޑޮލަރު ވެސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.


