އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާތަކެއް ދީފި
28 މޭ 2026 - 02:42

އީރާނުގެ ތެރޭގައި ހުރި ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށާއި، ހަތަރު ޑްރޯންއަކަށް އެމެރިކާ ސިފައިން ބުދަ ދުވަހު ހަމަލާދީފިއެވެ.
އެމެރިކާގެ އޮފިޝަލަކު ބޭރުގެ ބައެއް ނޫސްތަކަށް ވިދާޅުވި ގޮތުގައި މި ހަމަލާތަކަކީ އެމެރިކާގެ ފައުޖުތަކަށާއި ކޮމާޝަލް ޝިޕިންގްއަށް އޮތް ސީދާ ނުރައްކަލަކާ ގުޅިގެން ދިން ހަމަލާތަކެކެވެ.

Ad by Hajj Corporation
މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ ދެކުނުގެ ރަށެއް ކަމަށްވާ ބަންދަރު އައްބާސް ކައިރިއަށެވެ. އެމެރިކާގެ އޮފިޝަލް ހާމަކުރެއްވި ގޮތުގައި، ބަންދަރު އައްބާސްގައި ހުރި ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަށް ހަމަލާދިނީ އެތަނުން ފަސްވަނަ ޑްރޯންއެއް އުދުއްސާލަން ތައްޔާރުވަމުން ދަނިކޮށެވެ. މި ޑްރޯންތަކަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އަށް ނިސްބަތްވާ އެއްޗެހި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަންދަރު އައްބާސްގެ އިރުމަތީ ސަރަހައްދުން ފަތިހު 1:30 ހާއިރު ތިން ގޮވުމެއްގެ އަޑު އިވިފައިވެއެވެ. މިކަމާ ގުޅިގެން އެ ސަރަހައްދުގެ އެއާ ޑިފެންސް ސިސްޓަމްތައް މަސައްކަތްކުރަން ފެށި ނަމަވެސް، ގޮވުންތައް މެދުވެރިވި ސަބަބު ދަނީ ތަހުގީގު ކުރަމުންނެވެ.
ހޯމްޒް ކަނޑުއޮޅީގެ ރައްކާތެރިކަން
ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދަތުރުކުރާ ހޯމްޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށެވެ. "މި ކަނޑުއޮޅި އޮންނާނީ އެންމެންނަށް ހުޅުވާލެވިފައި، އެއްވެސް ބަޔަކަށް މީގެ ކޮންޓްރޯލެއް ނުނެގޭނެ" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނުގެ މީޑިއާތަކުން ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއް އޮތް ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތައް ވައިޓް ހައުސްއިން ވަނީ ދޮގުކޮށްފައެވެ. އީރާނުން ބުނަމުންދަނީ އެމެރިކާގެ ފައުޖުތައް ސަރަހައްދުން ބޭލުމަށާއި ނޭވަލް ބްލޮކޭޑް އުވާލުމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނީ އެފަދަ އެއްވެސް އެއްބަސްވުމެއް ނެތް ކަމަށެވެ.
މި ހަމަލާތަކަކީ ފާއިތުވި ދުވަސްތަކުގައި އެމެރިކާއިން އީރާނަށް ދިން ދެވަނަ ހަމަލާއެވެ. އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ އެމެރިކާއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އައި.އާރު.ޖީ.ސީ އިން ވަނީ މިފަދަ ކޮންމެ އަމަލަކަށް ހަރުކަށި ރައްދެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.


