ޔުއޭފާ ކޮންފަރެންސް ލީގު ޕެލަސްއިން ކާމިޔާބުކޮށްފި
28 މޭ 2026 - 07:32

ޔުއޭފާ ކޮންފަރެންސް ލީގުގެ ފައިނަލުގައި ރަޔޯ ވަޔެކާނޯގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައި، ކްރިސްޓަލް ޕެލަސްއިން އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ ތައްޓެއް އުފުލާލައިފިއެވެ. ޖަރުމަނުގެ ލައިޕްޒިގްގައި ކުޅުނު މި ފައިނަލަކީ މި ދެ ޓީމުންވެސް ޔޫރަޕްގެ މުބާރާތެއްގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް ޖޯން-ފިލިޕް މަޓޭޓާ އެވެ. މި ލަނޑަކީ އެޓީމުގެ އެޑަމް ވޯޓަން ފޮނުވާލި ހަމަލާއެއް ރީބައުންސްވެގެން އައި ވަގުތު މަޓޭޓާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

Ad by Hajj Corporation
މި ކާމިޔާބީއާއެކު، ދެ އަހަރާއި ބައިގެ މުއްދަތަކަށްފަހު ކްލަބު ދޫކޮށްލާ ކޯޗު އޮލިވާ ގްލާސްނާ ވަނީ ވަރަށް ފުރިހަމަ ނަތީޖާއަކާއެކު ކްލަބާ ވަކިވެފައެވެ. ގްލާސްނާގެ އިރުޝާދުގެ ދަށުން ޕެލަސްއިން ވަނީ މީގެ ކުރިން މެންޗެސްޓަރ ސިޓީ ބަލިކޮށް އެފްއޭ ކަޕް ކާމިޔާބުކުރުމުގެ އިތުރުން، ލިވަޕޫލް ބަލިކޮށް ކޮމިއުނިޓީ ޝީލްޑްވެސް ކާމިޔާބުކޮށްފައެވެ. ފާއިތުވި ސީޒަނުގެ އެފްއޭ ކަޕް ކާމިޔާބުކުރުމުގެ ކުރިން ޕެލަސްއިން ދުވަހަކުވެސް ބޮޑު މުބާރާތެއްގެ ތަށި އުފުލާލާފައެއް ނުވެއެވެ.
ޕެލަސްއިން މި ތަށި ކާމިޔާބުކޮށްފައިވަނީ ފަހަކަށް އައިސް އެ ކްލަބަށް ކުރިމަތިވި ގިނަ ގޮންޖެހުންތަކަކަށް ފަހުގައެވެ. އެގޮތުން 2025 ވަނަ އަހަރު ކްލަބުގެ އޯނަރޝިޕް މައްސަލަތަކާ ހުރެ ޔޫރޮޕާ ލީގުން ކޮންފަރެންސް ލީގަށް ރެލިގޭޓްވާން ޖެހުމާއި، އެފްއޭ ކަޕުން ނޮން-ލީގު ޓީމެއް ކަމަށްވާ މެކްލްސްފީލްޑް އަތުން ބަލިވެ ކެޓުމުގެ އިތުރުން ޕްރިމިއާ ލީގުގެ 15 ވަނައިގައި ސީޒަން ނިންމާލަން ޖެހުން ހިމެނެއެވެ. މީގެ އިތުރުން އެޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އެބެރެޗީ އެޒޭ އާއި މާކް ގުއޭހީވެސް ވަނީ ދާދި ފަހުން ޓީމު ދޫކޮށް ގޮސްފައެވެ.
މި މުބާރާތް ކާމިޔާބުކުރުމުން ކްރިސްޓަލް ޕެލަސްއަށް ވަނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ޖާގައެއް ކަށަވަރުވެފައެވެ. ޕެލަސްއަކީ މި ސީޒަނުގައި ޔޫރަޕްގެ ތަށި އުފުލާލި އިނގިރޭސި ދެވަނަ ޓީމެވެ. މީގެ ކުރިން އެސްޓަން ވިލާ ވަނީ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.


