މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އީދު ފާހަގަކޮށްފި
31 މޭ 2026 - 11:11

މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ފަރާތުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި 1447 ވަނަ އަހަރުގެ އަޟްޙާ އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ޚާއްސަ ހަފްލާއެއް "އީދު އުފާ- މެލޭޝިޔާ" ގެ ނަމުގައި މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕުރުގައި ބާއްވައިފިއެވެ. މި ހަފްލާ ބޭއްވުނީ 27 މެއި 2026 ވީ ބުދަ ދުވަހުއެވެ.
މި ހަފްލާގެ މަޤްސަދަކީ، އަޞްޙާ އީދަކީ އިސްލާމުން ފާހަގަ ކުރާ އެންމެ ބޮޑު އީދު ކަމަށްވުމާއެކު، އިސްލާމްދީނުގެ އާދަކާދަތައް ދަމަހައްޓައި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، މި އީދުގައި ދިވެހިންގެ އާދަކާދައާއި ސަޤާފަތް ދިރުވައި އާލާކުރުމެވެ.

Ad by Hajj Corporation
މި ހަފްލާ ފެށުނީ ދިވެހީންގެ އާދަކާދައިގެ ތެރެއިން އީދު ދުވަހުގެ މެންދުރު ކެއުމުންނެވެ. މިކެއުމުގައި މިފަދަ ހަފްލާތަކުގައި އާއްމުކޮށް ދިވެހީން ބޭނުންކުރާ ކެއުން ބެހެއްޓިފައި ހުއްޓެވެ. އެއަށްފަހު އުލްހިޔާ ކަތިލުމަށް އެދިވަޑައިގެންފައިވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ އިންތިޒާމްތައް ހައިކޮމިޝަން މެދުވެރިވެގެން އެފަރާތްތަކަށް ހަމަޖައްސާދެވިފައިވެއެވެ.
ހަފްލާގައި ބައިވެރިވި ފަރާތްތަކަށް ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކުޅިވަރު ކުޅުމުގެ ފުރުޞަތު ލިބުނެވެ. މި ކުޅިވަރުތަކުގެ ތެރޭގައި، ވާދެމުމާއި ގޯނި ރޭސް ފަދަ ދިވެހީންގެ ސަޤާފީ ކުޅިވަރު ކުޅުން އޮތެވެ. އަދި، ދިވެހި ސަގާފަތް ދައްކުވައިދޭ ބޮޑުބެރު ޖެހުމާއި ސަޤާފީ ނެށުން އަދި ބޮޑުމަސް ދެއްކުންވެސް އޮތެވެ. މި ހަފްލާގައި 'ދަ މޯލްޑިވްސް ނެޝެނަލް ޔުނިވާރސިޓީގެ ސްޓޫޑަންޓް ޔޫނިއަން' (އެމް.އެން.ޔޫ.އެސް.ޔޫ) ގެ ފަރާތުން 50 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި މިދަރިވަރުންގެ ފަރާތުން ސަޤާފީ ނެޝުމެއް ހުށަހަޅައި ދިނެވެ.
މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކިޔަވާކުދީންގެ ފަރާތުން މިހަފްލާ އަށް ދުވަހާ ގުޅޭ ސަޤާފީ އައިޓަމްތައް ހުށަހަޅާދީފައިވެއެވެ. މީގެ ތެރޭގައި ސަންވޭ ޔުނިވާރސިޓީ، ޓެއިލާރސް ޔުނިވާރސީޓީ އަދި އޭޝިޔާ ޕެސިފިކް ޔުނިވާރސިޓީ އޮފް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އޭ.ޕީ.ޔޫ) ގެ ދަރިވަރުން ހިމެނެއެވެ. މި ހަފްލާގައި، ކުޑަކުދީންނަށް ތަފާތު އައިޓަމްތައް އިންތިޒާމް ކުރެވިފައިވެއެވެ. މި އައިޓަމް ތަކުގެ ތެރޭގައި ޑިސްނީ ކެރެކްޓާސް ދެއްކުމާއި، ފޭސް ޕެއިންޓިންގ، ކަޕް ކޭކްގައި އައިސިންގ ޖެހުން އަދި ފެންކުޅި ކުޅުން ހިމެނެއެވެ. ހަފްލާގައި ބައިވެރިވި ފަރާތްތަކަށް މެންދުރު ނަމާދުކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. މި ހަފްލާގައި، ކުޑަކުދީންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ބޭއްވުނު ލަކީ ޑްރޯއެއް އޮތެވެ. މި ލަކީ ޑްރޯގައި ބައިވެރިވި ފަރާތްތަކަށް އެކި ބާވަތުގެ އަގުހުރި ހަދިޔާތައް ލިބުނެވެ. ހަފްލާ ނިންމާލެވުނީ އުލްހިޔާ ކަތިލުމަށްފަހު ހަފްލާއަށް ވަޑައިގެންނެވި ދިވެހި އާއިލާތަކުގެ ތެރެއިން ބޭނުންވި ފަރާތްތަކަށް އުލްހިޔާ ސަދަގާތް ކުރުމަށްފަހު ހަވީރުގެ ވަޤުތެއްގަ އެވެ.
މި ހަފްލާއަށް މެލޭޝިޔާގައި ދިރިއުޅޭ އާއިލާތަކުގެ އިތުރުން ގިނަ އަދަދެއްގެ ކިޔަވާކުދީންގެ ތަރުހީބު ލިބުނެވެ.


