އިންސާނާ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އަނބުރާ މަޖިލީހަށް
31 މޭ 2026 - 18:01

ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، "އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.

Ad by Hajj Corporation
މި ބިލަކީ، 14 މެއި 2026 ވީ ބުރާސްފަތި ދުވަހު ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ. މި ބިލު ތަޞްދީޤުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު މަޖިލީހުން ގެންނެވި ބަދަލުތަކުގެ ސަބަބުން، ބިލު ތަންފީޒުކުރުމުގައި ދަތިތަކެއް ދިމާވެދާނެކަމަށް ފެނިވަޑައިގަންނަވާތީއެވެ. އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި، ބައެއް އިސްލާހުތައް ގެންނަންޖެހޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި ބިލު އަނބުރާ ފޮނުއްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މި މާއްދާގައި ބަޔާންކުރަނީ މަޖިލީހުން ފާސްކޮށްގެން ފޮނުވާ ބިލެއްގައި އިސްލާހު ކުރަންޖެހޭ ކަންކަން ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގެންފިނަމަ، އެ ބިލެއް އަނބުރާ މަޖިލީހަށް ފޮނުވިދާނެ ކަމަށެވެ.
މި ބިލަކީ ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓްކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށާއި، އެ ޚިދުމަތަކީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ޚިދުމަތަކަށް ހެދުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލުގެ ދަށުން ހުއްދަދެނީ ހަމައެކަނި ދިރިހުރި މީހުންގެ ގުނަވަން ހަދިޔާކުރުމަށް (ލައިވް-ޑޯނަރ) ކަމަށްވާއިރު، ގުނަވަން ހަދިޔާކުރެވޭނެ އުސޫލުތަކާއި ޝަރުޠުތައް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ނިޒާމު ހިންގުމަށްޓަކައި 9 މެންބަރުންގެ 'ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް' އެއް އަދި 5 މެންބަރުންގެ 'ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ' އެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. ކައުންސިލްގެ މައިގަނޑު ޒިންމާއަކީ ގަވާއިދުތައް ހެދުމާއި، ޚިދުމަތްދޭ ތަންތަނަށް ހުއްދަ ދިނުމާއި، ފިޔަވަޅު އެޅުމެވެ. އޮތޮރައިޒޭޝަން ކޮމިޓީގެ މަސައްކަތަކީ ވަކިވަކި ޓްރާންސްޕްލާންޓްތައް ކުރުމުގެ ހުއްދަ ދިނުމެވެ.
ޓްރާންސްޕްލާންޓް ކުރުމުގެ ކުރިން ހޮސްޕިޓަލްތަކުގައިވާ 'ކްލިނިކަލް ކޮމިޓީ' އާއި 'އެތިކްސް ކޮމިޓީ' އިން ބަލަންޖެހޭ ކަންކަން ބަލަންޖެހެއެވެ. މީގެ ތެރޭގައި ޞިއްޙީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަމާއި، ގުނަވަން ހަދިޔާކުރަނީ އެއްވެސް މަޖުބޫރުކަމެއް ނެތިކަން ކަށަވަރުކުރުން ހިމެނެއެވެ. އޮތޮރައިޒޭޝަން ކޮމިޓީގެ ނިންމުންތައް ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާވިސަސް އަށް އެޕީލްކުރުމުގެ ފުރުޞަތު އޮވެއެވެ.
ގުނަވަން ވިއްކުމާއި، މީހެއްގެ ރުހުމާނުލައި ގުނަވަން ނެގުމާއި، ލައިސަންސް ނެތި ޚިދުމަތް ދިނުން ފަދަ ކަންކަމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެކަންކަމަށް ދެވޭނެ އަދަބުތައް ބިލުގައި ހިމަނާފައިވެއެވެ.


