logo
Bank of Maldives

Bank of Maldives

ޚަބަރު

ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރު ހަމަޖެއްސީ ސަޕްލިމަންޓަރީ ބަޖެޓަކާ ނުލާ

ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރު ހަމަޖެއްސީ ސަޕްލިމަންޓަރީ ބަޖެޓަކާ ނުލާ

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް ސަޕްލިމަންޓަރީ ބަޖެޓަކާ ނުލައިހަމަޖެއްސި ހަމައެކަނި އަހަރަކީ 2025 ވަނަ އަހަރު ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު "ބަޖެޓު ނަތީޖާގެ ބަޔާން 2025" ގައިވާ ގޮތުން، 2025 ވަނަ މާލީ އަހަރު ނިމިގެން ދިޔައީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ހުރިހާ ޚަރަދެއް ހަމަޖައްސައިގެންނެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ހަތަރު އަހަރު ބަޖެޓު ސަޕްލިމަންޓު ކޮށްފައިވާ ކަމަށާއި މިއީ 5 އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކުރި މިންވަރުގައި ހިފެހެއްޓުނު ފުރަތަމަ ފަހަރުކަން ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން 2025 ވަނަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައި މައިގަނޑު އިސްކަމެއް ދީފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި، ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ކަމަށް ވަނީ ބުނެފައެވެ. އަދި ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަށް ސިޔާސަތުތައް ބައްޓަންކުރެވުނުއިރު، މާލީ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތަކާއި ސަބްސިޑީތައް ދެމެހެއްޓުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީފައިވާކަމަށް ބުނެއެވެ.

އެ ބަޔާނުގައިވާގޮތުން އާމްދަނީއަށް ބަލާއިރު، 2025 ވަނަ އަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރި 39.8 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމުނުއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 39.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ލަފާކުރި މިންވަރަށްވުރެ 74.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި ދައުލަތުގެ އާމްދަނީ ބިނާވާ މައިގަނޑު އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތްކަމުގައިވާއިރު، މި ދާއިރާއިން ވެސް ވަނީ ބަޖެޓުގައި ލަފާކުރި މިންވަރާ ގާތްކުރާ ނަތީޖާއެއް ހޯދާފައިވާކަމަށް ބަޔާނުގައި ވެއެވެ.

އެގޮތުން 2,248,120 (ދެމިލިއަން ދެލައްކަ ސާޅިސް އަށްހާސް އެއްސަތޭކަ ވިހި) ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރިއިރު، އައިސްފައިވަނީ 2,246,516 (ދެ މިލިއަން ދެއްލައްކަ ސާޅީސް ހަ ހާސް ފަސްސަތޭކަ ސޯޅަ) ފަތުރުވެރިން ކަމަށާއި މިއީ ލަފާކުރި އަދަދަށްވުރެ 0.1 އިންސައްތައިގެ ކުޑަ ތަފާތެއްކަމަށް ބުނެއެވެ. ނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ނުވަތަ ބެޑް ނައިޓްސް ވަނީ ލަފާކުރި މިންވަރަށްވުރެ އިތުރުވެފައިކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޚަރަދުތައް ކުޑަކުރުމަށްޓަކައި ބަޖެޓު ތަންފީޒުކުރުމުގެ ކޮންޓްރޯލްތައް ހަރުދަނާކޮށް، ޕީ.އެސް.އައި.ޕީ މަޝްރޫއުތައް ހިންގާ އުސޫލަށް ބަދަލުތަކެއް ގެނައި ކަމަށާއި މީގެ ނަތީޖާއަކީ ޖުމްލަ ޚަރަދު ހުންނާނެ ކަމަށް ލަފާކުރި 49.2 ބިލިއަން ރުފިޔާގެ ބަދަލުގައި، 44.2 ބިލިއަން ރުފިޔާގައި ޚަރަދު ހުރުން ކަމަށާއި މިއީ ބަޖެޓުކުރި މިންވަރަށްވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެއްކަމަށެވެ.

ހަމަމިއާއެކު ފިސްކަލް ޑެފިސިޓްވެސް ލަފާކުރި މިންވަރަށްވުރެ ބޮޑުތަނުން ކުޑަކުރެވި، ބަޖެޓުގައި 9.4 ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް އޮންނާނެ ކަމަށް ލަފާކުރި ނަމަވެސް، ދަރަނި ހުރީ 4.4 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސުން ހާމަކުރެއެވެ. އަދި މިއީ ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެއް ކަމަށާއި އަދި ޖީޑީޕީގެ ނިސްބަތުން ބަލާއިރު އަހަރުން އަހަރަށް މިއީ 6.3 ޕަސެންޓޭޖް ޕޮއިންޓުގެ ދަށްވުމެއް ކަމަށް ބުނެއެވެ. މިއާއެކު، 2025 ވަނަ އަހަރަކީ ފާއިތުވި ހަ އަހަރުގެ ތެރޭގައި އެންމެ ދަށް ފިސްކަލް ޑެފިސިޓެއް ރެކޯޑުކުރެވުނު އަހަރަށް ވެގެންގޮސްފައިވާއިރު، މިއީ 2019 އިން 2025 އަށް އެންމެ ގިނަ އާމްދަނީ ލިބުނު އަހަރުވެސްމެއެވެ.

ޓެކްސް ނޫން އާމްދަނީ އިތުރުވުމަކީ ޖުމްލަ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއާއި، ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީގެ އިތުރުން ވޯކް ޕާމިޓް ފީ ހިމެނެއެވެ.

ދަރަނީގެ ހާލަތަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 154.9 ބިލިއަން ރުފިޔާގައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 129.8 އިންސައްތައެވެ. އެ އަހަރުގެ ތެރޭގައި ދަރަނީގެ މުއާމަލާތްތަކަށް ޖުމްލަ 10.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މާލީ ވުޒާރާއިން ބުނި ގޮތުގައި މި ނަތީޖާތަކަކީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރެވުމުގެ ނަތީޖާއެވެ. މިކަމުގެ ސަބަބުން ބަޖެޓުގެ އިތުބާރު ބޮޑުވެ، ދައުލަތުގެ މާލިއްޔަތަށް އޮތް ޕްރެޝަރު ކުޑަވެގެންދިޔައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ރެކޯޑު މިންވަރަކަށް ޚަބަރު | 42 މިނިޓު ކުރިންދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރު ހަމަޖެއްސީ ސަޕްލިމަންޓަރީ ބަޖެޓަކާ ނުލާޚަބަރު | 2 ގަޑިއިރު ކުރިންއެސްއޯއީތަކުން ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި 160 މިލިއަން ރުފިޔާޚަބަރު | 3 ދުވަސް ކުރިންރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ބުރޫނާރެނެ ކަމުގެ ޔަގީންކަން!ޚަބަރު | މަހެއް ކުރިން