logo
MPL

MPL

ޚަބަރު

މަޝްރޫޢުތަކަށް ބަޖެޓުން 5.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފި, އެންމެ ބޮޑު ހޭދައެއް އިޤްތިޞާދީ ދާއިރާއަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ނޮވެމްބަރު 2026 - 16:54
މާލޭގެ މަގެއް ހަދަނީ
މާލޭގެ މަގެއް ހަދަނީ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 5.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރަށް ޕީއެސްއައިޕީގެ ގޮތުގައި ކަނޑައަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލީ ވުޒާރާއިން އެންމެ ފަހުން ޢާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް 5.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް ޢަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޕީއެސްއައިޕީއަށް 7.0 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިޤްތިޞާދީ ދާއިރާއަށެވެ. އެގޮތުން އެ ދާއިރާއިން 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ޙިއްޞާކުރަނީ ދަތުރުފަތުރުގެ ދާއިރާއެވެ. ދަތުރުފަތުރުގެ ދާއިރާއިން އެކަނިވެސް 2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ދައުލަތުގެ ޢާންމު ޚިދުމަތްތަކުގެ ދާއިރާއިން 780 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ދާއިރާއަށް ހޭދަކުރީ 432 މިލިއަން ރުފިޔާއެވެ. އެ ދާއިރާގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބިންތައް ބެލެހެއްޓުމަށެވެ. އެއީ 775 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 717 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބޯހިޔާވަހިކަމަށް ޚަރަދުކުރީ 600 މިލިއަން ރުފިޔާއެވެ. އަދި ޞިއްޙީ ދާއިރާއަށް މި މުއްދަތުގައި 359 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ދާއިރާއަށް ހޭދަކުރީ 329 މިލިއަން ރުފިޔާއެވެ.

މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ޕީއެސްއައިޕީ ޚަރަދުތައް ދަށްވުމަކީ މަޝްރޫޢުތައް ހިންގުމުގައި ޚަރަދުތައް ހަރުދަނާ އުޞޫލަކުން ބަލަހައްޓަމުންދާ ކަމުގެ ހެއްކެކެވެ. ސަރުކާރުން މި އަހަރުން ފެށިގެން މަޝްރޫޢުތައް ހިންގުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ލިބޭނެ ފައިދާއަށް ބެލުމަށެވެ. އެގޮތުން އަލަށް ފަށާ މަޝްރޫޢުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމުކޮށް، ދިރާސާތައް ހެދުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޝްރޫޢުތަކަށް ބަޖެޓުން 5.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފި, އެންމެ ބޮޑު ހޭދައެއް އިޤްތިޞާދީ ދާއިރާއަށްޚަބަރު | 25 މިނިޓު ކުރިންބަޖެޓް ބަހުސް ފަށައިފިޚަބަރު | 12 ދުވަސް ކުރިންއެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ %6.8 އިތުރުވެ، 3.3 ބިލިޔަން ރުފިޔާއަށް ޚަބަރު | 13 ދުވަސް ކުރިންކުވެއިތު ފަންޑުން ރާއްޖެއަށް ދޭ ލޯނު ލިމިޓު 40 މިލިއަން ޑޮލަރަށް، ވޭމަންޑޫ ހޮސްޕިޓަލް އަޅަން 9.7 މިލިއަން ޑޮލަރުޚަބަރު | 17 ދުވަސް ކުރިން