logo
Bank of Maldives

Bank of Maldives

ޚަބަރު

ފާއިތުވި 6 އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެންމެ ކުޑަ ޑެފިސިޓް މިދިޔަ އަހަރު

މިނިސްޓްރީ އޮފް ފިނޭންސް ހިންގާ އިމާރާތް
މިނިސްޓްރީ އޮފް ފިނޭންސް ހިންގާ އިމާރާތް

2025 ވަނަ އަހަރު ރާއްޖޭގެ ފިސްކަލް ޑެފިސިޓް ނުވަތަ އާމްދަނީއާ ޚަރަދުގެ ފަރަގު 4.4 ބިލިއަން ރުފިޔާއަށް ދަށްވެފައިވާކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ "ބަޖެޓު ނަތީޖާ ބަޔާން 2025" އިން ދައްކައިފިއެވެ.

މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި މި އަދަދު މިހާބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނަތީޖާއަކީ 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ޑެފިސިޓްވާނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ ބޮޑުތަނުން ކުޑަ އަދަދަކަށްވާއިރު، 31 އޮކްޓޫބަރު 2024 ގައި މިނިސްޓްރީން ހުށަހެޅި ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ނަމަވެސް، ބަޖެޓު ތަންފީޒުކުރެވުނުއިރު ޑެފިސިޓް ވަނީ އަންދާޒާކުރި ވަރަށްވުރެ 5.0 ބިލިއަން ރުފިޔާ ނުވަތަ %53.6 ކުޑަކުރެވިފައެވެ.

ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީ.ޑީ.ޕީ) ބަލާއިރު، 2025 ވަނަ އަހަރުގެ ޑެފިސިޓަކީ %3.6 އެވެ. މިއީ 2024 ވަނަ އަހަރުގެ %9.9 އާއި، 2023 ވަނަ އަހަރުގެ %10.5 އާއި، 2022 ވަނަ އަހަރުގެ %8.4 އާއި، 2021 ވަނަ އަހަރުގެ %10.0 އަދި 2020 ވަނަ އަހަރުގެ %16.6 އާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މި ބަޔާނުން އެނގޭ ގޮތުގައި 2025 ވަނަ އަހަރަކީ 2020 ވަނަ އަހަރަށްފަހު އެންމެ ކުޑަ ޑެފިސިޓެއް ރެކޯޑުކުރެވުނު އަހަރެވެ.

މާލީ ވުޒާރާއިން ބުނީ މި ކުރިއެރުން ލިބުނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއި، ސަރުކާރުގެ އިންވެސްޓްމަންޓް މަޝްރޫޢުތައް ހިންގުމަށް ގެނައި ހަރުދަނާ ބަދަލުތަކުގެ ސަބަބުންނެވެ. 2025 ވަނަ އަހަރުގެ ޖުމްލަ ޚަރަދަކީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ ބަޖެޓުގައި ލަފާކުރި 49.2 ބިލިއަން ރުފިޔާއަށްވުރެ 5.0 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު ނިންމާލާފައިވަނީ ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައެވެ. މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި، އަހަރުގެ މެދުތެރެއިން އިތުރު ބަޖެޓެއް ބޭނުންނުވެ، ފާސްކުރި ބަޖެޓުގެ ތެރޭގައި ޚަރަދުތައް މެނޭޖުކުރެވުނު ހަމައެކަނި އަހަރެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ސަބަބުންވެސް ބަޖެޓުގެ ނަތީޖާ ރަނގަޅުވުމަށް ބާރުލިބުނެވެ. 2025 ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރީ 39.8 ބިލިއަން ރުފިޔާއެވެ. ނަމަވެސް، ލިބުނު އާމްދަނީއަކީ 39.9 ބިލިއަން ރުފިޔާއެވެ. މިއީ އަންދާޒާކުރި ވަރަށްވުރެ 74.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ބައެއް ދާއިރާތަކުން ލިބުނު އާމްދަނީއަށް ބަދަލުތަކެއް އައި ނަމަވެސް، ޖުމްލަ އާމްދަނީ ހުރީ ލަފާކުރި މިންވަރާ ދާދި އެއްވަރެއްގައެވެ. ޚާއްޞަކޮށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން ބައެއް ދާއިރާތަކުގެ އާމްދަނީ ދަށްވި ބައި ފޫބެއްދުނެވެ. މީގެ ތެރޭގައި ރިސޯޓް ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި، ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީ، އަދި ވޯކް ޕާމިޓް ފީ ހިމެނެއެވެ.

2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް، ދައުލަތުގެ ޖުމްލަ ދަރަނި (ގެރެންޓީ ދީފައިވާ ދަރަންޏާއެކު) ހުރީ 154.9 ބިލިއަން ރުފިޔާގައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން %129.8 އެވެ. ފާއިތުވި އަހަރުގެ ތެރޭގައި ދަރަނި ދެއްކުމަށް 10.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ދަރަނީ ޕްރިންސިޕަލްއަށް ދެއްކި 5.3 ބިލިއަން ރުފިޔާ އާއި އިންޓްރެސްޓްގެ ގޮތުގައި ދެއްކި 4.8 ބިލިއަން ރުފިޔާއެވެ.

މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، 2025 ވަނަ އަހަރުގެ ނަތީޖާއިން ދައްކައިދެނީ އާމްދަނީ ލަފާކުރި މިންވަރުގައި ހިފަހައްޓަމުން، ޚަރަދުތައް ކޮންޓްރޯލްކޮށް، ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ސަރުކާރުން ހޯދާފައިވާ ބޮޑު ކުރިއެރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ރެކޯޑު މިންވަރަކަށް ޚަބަރު | ގަޑިއިރެއް ކުރިންފާއިތުވި 6 އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެންމެ ކުޑަ ޑެފިސިޓް މިދިޔަ އަހަރުޚަބަރު | ގަޑިއިރެއް ކުރިންތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް، އަންނަ ހަފުތާގެ ތެރޭގައި ސަރވޭ ކުރަން ފަށާނެ: މިނިސްޓަރޚަބަރު | މަހެއް ކުރިންޚަރަދު ކުޑަކުރުމަށްޓަކާ ރާއްޖޭން ބޭރަށް ކުރާ ދަތުރުތަށް ހުއްޓާލައިފި!ޚަބަރު | 2 މަސް ކުރިން