logo
MPL

MPL

ޚަބަރު

ޖީޖީއެސްޓީ އާއި ވިތުހޯލްޑިން ޓެކްސް މަތިވެ، ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޮކްޓޯބަރު 2026 - 16:59
ޖީޖީއެސްޓީ އާއި ވިތުހޯލްޑިން ޓެކްސް މަތިވެ، ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް

އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީޖީއެސްޓީ) އަދި ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް އިތުރުވުމާ އެކު، މި އަހަރުގެ 15 އޮކްޓޫބަރުގެ ނިޔަލަށް ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.0 އިންސައްތަ އިތުރުވެއްޖެއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 24.63 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 23.03 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 2.6 އިންސައްތަ އިތުރުވެ، 31.89 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާމްދަނީ އިތުރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ޖީޖީއެސްޓީގެ ގޮތުގައި 4.43 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 4.09 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 8.2 އިންސައްތައިގެ ކުރިއެރުމެކެވެ. ހަފުތާއެއްގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ވެސް ޖީޖީއެސްޓީންނެވެ. ހަމައެއާއެކު، ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް 10.4 އިންސައްތަ އިތުރުވެ، 1.09 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޓެކްސްގެ އެހެނިހެން ދާއިރާތަކަށް ބަލާއިރު، އިމްޕޯޓް ޑިއުޓީ 15.2 އިންސައްތަ އިތުރުވެ 2.79 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކޯޕަރޭޓް އިންކަމް ޓެކްސް ވަނީ 9.2 އިންސައްތަ އިތުރުވެ 3.01 ބިލިއަން ރުފިޔާއަށް އަރާފައެވެ. ވިޔަފާރި އާއި މުދަލުން ނަގާ އެހެނިހެން ޓެކްސްތަކުން ލިބުނު އާމްދަނީ 87.8 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު 1.39 ބިލިއަން ރުފިޔާއަށް އެރިއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 8.8 އިންސައްތަ އިތުރުވެ 1.55 ބިލިއަން ރުފިޔާއަށް އަރާފައެވެ. މުދަލުން ލިބުނު އާމްދަނީ 1.97 ބިލިއަން ރުފިޔާއަށް އަރައި 12.1 އިންސައްތަ އިތުރުވި އިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު ވަނީ 68.1 އިންސައްތަ އިތުރުވެ 0.52 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.9 އިންސައްތަ އިތުރުވެ 36.39 ބިލިއަން ރުފިޔާ އަށް އަރާފައެވެ. މިއާއެކު ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓް ވަނީ 4.50 ބިލިއަން ރުފިޔާ އަށް ބޮޑުވެފައެވެ.

ރިކަރަންޓް ޚަރަދުތައް 17.2 އިންސައްތަ އިތުރުވެ 31.35 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރޭގައި ސަބްސިޑީއަށް ކުރި ޚަރަދު 73.3 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް އަރާފައިވުމާއި، އާސަންދައަށް ކުރި ޚަރަދު 16.9 އިންސައްތަ އިތުރުވެ 1.92 ބިލިއަން ރުފިޔާއަށް އެރުން ހިމެނެއެވެ. ޖުމްލަ ގޮތެއްގައި ހިލޭ އެހީ އާއި ސަބްސިޑީގެ ޚަރަދު ވަނީ 39.1 އިންސައްތަ އިތުރުވެ 10.45 ބިލިއަން ރުފިޔާއަށް އަރާފައެވެ. މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު 14.1 އިންސައްތަ އިތުރުވެ 5.56 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިދާރީ ހިދުމަތްތަކުގެ ޚަރަދު 2.04 ބިލިއަން ރުފިޔާއަށް އަރައި 6.0 އިންސައްތަ ވަނީ އިތުރުވެފައެވެ. ނަމަވެސް އިންޓަރެސްޓަށް ކުރި ޚަރަދު ވަނީ 6.6 އިންސައްތަ ދަށަށް ގޮސްފައެވެ.

ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، ޖުމްލަ ކެޕިޓަލް ޚަރަދު ވަނީ 15.2 އިންސައްތަ އިތުރުވެ 5.04 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ބިމާއި އިމާރާތްތަކަށް ކުރި ޚަރަދު 38.9 އިންސައްތަ އިތުރުވެ 1.57 ބިލިއަން ރުފިޔާއަށް އަރާފައިވުމާއި، އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ޚަރަދު 27.6 އިންސައްތަ އިތުރުވެ 0.96 ބިލިއަން ރުފިޔާއަށް އެރުން ހިމެނެއެވެ. މީގެއިތުރުން ބަނދަރު ތަރައްގީކުރުމުގެ ޚަރަދު 25.5 އިންސައްތަ އަދި ކެޕިޓަލް އިކުއިޕްމަންޓް ހޯދުމުގެ ޚަރަދު 22.0 އިންސައްތަ ވަނީ އިތުރުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖީޖީއެސްޓީ އާއި ވިތުހޯލްޑިން ޓެކްސް މަތިވެ، ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއްޚަބަރު | ގަޑިއިރެއް ކުރިންދަތިތަކާ އެކުވެސް 1200 އަށް ވުރެ ގިނަ މަޝްރޫއު ކުރިއަށް، ފައިސާ ހަމަޖެހިފައިވާ ކަމުގެ ޔަގީންކަންޚަބަރު | 2 ދުވަސް ކުރިން''ހަރަދުތައް އިސްލާހުކުރުމަށާއި މާލީ ހަމަޖެހުން ގާއިމުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ''ޚަބަރު | 7 ދުވަސް ކުރިންރާއްޖޭގެ އިގުތިސާދަށް ފެހި ސިގްނަލެއް: މޫޑީސް އިން ރޭޓިން މަތިކޮށް އިތުބާރު އާކޮށްފިޚަބަރު | 12 ދުވަސް ކުރިން