އާމްދަނީ 5.1 ޕަސެންޓް އިތުރުވެއްޖެ
7 އޮކްޓޯބަރު 2026 - 05:50

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 30 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭގެ ގޮތުގައި 30.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 28.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.1 ޕަސެންޓް އިތުރުވުމެކެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި ފާއިތުވި ހަފުތާގައި ދައުލަތަށް ލިބުނު މައިގަނޑު އާމްދަނީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް, ޓީޖީއެސްޓީ ހިމެނެ އެވެ.
ޓީޖީއެސްޓީގެ ގޮތުގައި މިހާތަނަށް 7.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 7.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.7 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 1.7 ޕަސެންޓް އިތުރުވެފަ އެވެ.
މީގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް އާމްދަނީ ވަނީ އިތުރުވެފަ އެވެ. އެގޮތުން އިމްޕޯޓް ޑިއުޓީ 13.1 ޕަސެންޓް އިތުރުވެ 2.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ވިޔަފާރި އާއި މުދަލުގެ ޓެކުހުން ލިބުނު އާމްދަނީ 21.4 ޕަސެންޓް އިތުރުވެ 5.7 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
އާންމު މުދަލާއި ހިދުމަތުގެ ޓެކްސް, ޖީއެސްޓީ 10.8 ޕަސެންޓް އިތުރުވެ 4 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކުހުން ލިބުނު އާމްދަނީ 8.8 ޕަސެންޓް އިތުރުވެ 1.4 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފަ އެވެ.
މުދަލުން ލިބޭ އާމްދަނީ 25.3 ޕަސެންޓް އިތުރުވެ 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ދެގުނައަށްވުރެ އިތުރުވެ 237 މިލިއަން ރުފިޔާއިން 496 މިލިއަން ރުފިޔާއަށްވަނީ މަތިވެފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު ހުރީ 33.5 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 28.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 18.8 ޕަސެންޓް އިތުރު އަދަދެކެވެ.
ރިކަރަންޓް ހަރަދުތައް 24.3 ބިލިއަން ރުފިޔާއިން 28.8 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. މީގެ ތެރެއިން އާސަންދައަށް ކުރި ހަރަދު 23.3 ޕަސެންޓް އިތުރުވެ 1.7 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
ރިކަރަންޓް ހަރަދުތަކުގެ ތެރެއިން މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު 10.1 ޕަސެންޓް އިތުރުވެ 10.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިދާރީ އަދި ހިންގުމުގެ ހަރަދުތައް 24.3 ޕަސެންޓް އިތުރުވެ 18.123 ބިލިއަން ރުފިޔާއަށް މަތިވެފައިވެ އެވެ.
ސަބްސިޑީއަށް ކުރި ހަރަދު 77.1 ޕަސެންޓް އިތުރުވެ 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކައުންސިލްތަކަށް ދިން ގްރާންޓް 16.6 ޕަސެންޓް އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފަ އެވެ. އަދި އެހެނިހެން އެހީތަކާއި އިނާޔަތްތަކަށް ކުރި ހަރަދު 53.3 ޕަސެންޓް އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހަރަދު ނުވަތަ ކެޕިޓަލް ހަރަދުތައް 18.7 ޕަސެންޓް އިތުރުވެ 4.6 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
މީގެ ތެރެއިން އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ކުރި ހަރަދު 18.7 ޕަސެންޓް އިތުރުވެ 4.1 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
