ތިލަމާލެ ބުރިޖު މަޝްރޫއުގެ ދަށުން ވިލިމާލެއާއި ގުޅިފަޅު ގުޅާލައިފި
30 އޮކްޓޯބަރު 2026 - 17:55

ތިލަމާލެ ބުރިޖު މަޝްރޫއުގައި އަނެއްކާވެސް މުހިންމު ލަނޑުދަނޑިއެއް ހާސިލުކޮށް، ވިލިމާލެއިން ގުޅިފަޅަށް ބުރިޖު ގުޅާލުމުގެ އެންމެ ފަހު ސެގްމަންޓް އިންސްޓޯލްކޮށް ދެ ރަށް މިއަދު ގުޅާލައިފިއެވެ.
މިކަން އިއުލާން ކުރައްވާފައި ވަނީ ހައުސިންގް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރުގެ ޕޯސްޓުގައި، މި ކާމިޔާބީއަށްޓަކައި މިނިސްޓްރީގެ ޓީމަށާއި މަޝްރޫއު ކުރިއަށްގެންދާ އެފްކޮންސްއަށް މަރުޙަބާ ވިދާޅުވިއެވެ. އަދި މި މަޝްރޫއު ކާމިޔާބުކުރުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ އެއްބާރުލުން ފާހަގަކުރައްވައި، އެ ގައުމުގެ ސަރުކާރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި މަޝްރޫއުގެ މުޅި މަސައްކަތުގެ %80 އަށްވުރެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ.
ވިލިމާލެއިން ގުޅިފަޅަށް ހިމެނޭ ބުރިޖުގެ ބަޔަކީ ގާތްގަނޑަކަށް 750 މީޓަރުގެ ދިގުމިނުގެ ސަރަހައްދެކެވެ. މާލެއިން ވިލިމާލެއަށް ގުޅާލުމުގެ މަސައްކަތް މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ނިންމާފައިވާއިރު، އެއީ 2.2 ކިލޯމީޓަރުގެ ބުރިޖެކެވެ. މީގެއިތުރުން، މި މަޝްރޫއުގެ ދަށުން ގުޅިފަޅުން ތިލަފުއްޓަށް 600 މީޓަރުގެ ބުރިޖަކުން ގުޅާލާނެއެވެ.
މުޅި މި މަޝްރޫއު ކަނޑު ހުރަސްކޮށް ހަދާ 3 ބުރިޖާއި، ރަށްރަށް ހުރަސްކޮށް ހަދާ ހައިވޭ މަގުތަކާއެކު ޖުމްލަ 6.7 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކުރުމަށް ނިންމާފައިވެ އެވެ. ސަރުކާރުން ޢަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނިޔަލަށް ބުރިޖުގެ މަސައްކަތް އެއްކޮށް ނިންމުމަށެވެ. މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ކުރިއަށްގެންދާ 500 މިލިޔަން ޑޮލަރުގެ މަޝްރޫއެކެވެ

-01.jpg&w=3840&q=75)
