ހާޅަންޑާއި ރޮޑްރީ ރެއާލް މެޑްރިޑްއަށް ގެންނާނެކަމަށް ވަޢުދުވެއްޖެ
4 ޖޫން 2026 - 14:46

ރެއާލް މެޑްރިޑްގެ ރައީސްކަމުގެ އިންތިޚާބުގައި ވާދަކުރައްވާ އެންރީކޭ ރިކޭލްމޭ، އޭނާ އިންތިޚާބު ކާމިޔާބުކޮށްފިނަމަ މެންޗެސްޓަރ ސިޓީގެ ދެ ތަރިން ކަމަށްވާ އާލިން ހާލަންޑް އަދި ރޮޑްރީ އެ ކްލަބަށް ގެންނާނެ ކަމަށް ވައުދުވެއްޖެއެވެ. ރިކޭލްމޭ މިކަން ހާމަކުރެއްވީ 'އެލް ހޯމިގުއޭރޯ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ވިޔަފާވެރިއެއް ކަމަށްވާ ރިކޭލްމޭ މީގެ ކުރިން ވެސް ވަނީ މަޝްހޫރު ކޯޗަކު އައްޔަންކުރާނެ ކަމަށާއި ރޮޑްރީ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ. ނަމަވެސް، ރޮޑްރީއާއެކު ހާލަންޑްގެ ނަން ހާމަކުރުމަކީ މި ކެމްޕޭނުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ވަރުގަދަ ޓްރާންސްފާ ވައުދެވެ.

Ad by Hajj Corporation
އާލިން ހާލަންޑަކީ 2022 ވަނަ އަހަރު މެންޗެސްޓަރ ސިޓީއާ ގުޅުނު ފަހުން އާދަޔާޚިލާފު ކުޅުމެއް ދައްކަމުން އަންނަ، ދުނިޔޭގެ އެންމެ މޮޅު ފޯވާޑްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ކުޅުންތެރިއެކެވެ. އަދި ރޮޑްރީއަކީ 2024 ވަނަ އަހަރުގެ ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ، މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރެވެ.
މި ދެ ކުޅުންތެރިންގެ ތެރެއިން އެކަކު ހޯދުމަކީ ވެސް ކްލަބަކަށް ލިބޭނެ ބޮޑު ކާމިޔާބީއަކަށް ވާއިރު، ދެ ކުޅުންތެރިން އެއްފަހަރާ ގެނައުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ރިކޭލްމޭގެ މި ތަސައްވަރަކީ ހަގީގަތަކަށް ވެދާނެ ކަމެއްތޯ ސުވާލު އުފެދެނީ، ސިޓީން އެ ކްލަބުގެ މުހިންމު ދެ ތަރިން ދޫކޮށްލުމަކީ ނާދިރު ކަމަކަށް ވާތީއެވެ.
އަންނަ އާދިއްތަ ދުވަހު ބާއްވާ އިންތިޚާބުގައި ރިކޭލްމޭ ވާދަކުރައްވާނީ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއާއެވެ. މި އިންތިޚާބުގެ ނަތީޖާއިން، ރިކޭލްމޭގެ މި އުންމީދުތަކަކީ ހަމައެކަނި ކެމްޕޭން ވައުދުތަކެއްތޯ ނުވަތަ ނޫންތޯ ކަށަވަރުވެގެންދާނެއެވެ.


